ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަސަން ފަވާޒްގެ ބަންދަށް ލުއި ތަކެއް ދީފިއެވެ.

ނައީމާ މޫސާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 7 ވަނަ ދުވަހު އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިތެރެއިންނެވެ. ނައީމާ މަރުގެ މައްސަލައިގައި ދައުވާކުރި ތިން މީހުންނަކީ، ނ. މަނަދޫ، ފެހިވިލާގެ، އަހުޒަމް އަބްދުއްޝަކޫރާއި އެ ރަށު ފިނިފެންމާގެ، އަބްދުލްވާހިދު ރިފާސް އާއި އެ ރަށު ވިނަރެސް، ހަސަން ފަވާޒެވެ.

އެގޮތުން ފަވާޒުގެ ބަލިހާލަތު ހުރިގޮތުން އޭނާ ޖަލު ބަންދުގައި ބަހައްޓައިގެން އެކަށީގެންވާ ގޮތެއްގައި ފަރުވާ ދިނުމަށް ހުރަސްއެޅެމުންދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން 9 މާރިޗު 2026 ގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ޕީޖީ އޮފީހުން ބުނީ ފަވާޒުގެ ބަލި ހާލަތާ ގުޅިގެން ޑޮކްޓަރުން ދީފައިވާ ލަފަޔާއި، ބަލީގެ ހައްސާސްކަމަށް ރިއާޔަތްކޮށް ފަވާޒަށް ގާނޫނުއަސާސީގެ 21 ވަނަ މާއްދާއިން ލިބިދީފައިވާ ދިރިހުރުމުގެ ހައްގު ރައްކާތެރިކުރުމަށް އަޅާ ހާއްސަ ފިޔަވަޅެއްގެ ގޮތުން ޝަރުތުތަކާއެކު އޭނާ ބަންދަށް ލުއިދިނުމަށް ކްރިމިނަލް ކޯޓުގައި އެދިފައިވާކަމަށެވެ.

އެގޮތުން ލުއި ދިނުމަށް ނިންމާފައިވާ ޝަރުތުތަކުގެ ތެރޭގައި:

  • ބަންދުން ދޫކޮށްލާފައި ހުންނައިރު ގާނޫނާ ހިލާފު އެއްވެސް އަމަލެއް ނުކުރުން އަދި އިތުރު ކުށެއް ނުކުރުން
  • ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ހާޒިރުވުން
  • ބޭސްފަރުވާ ހޯދުމަށް ފިޔަވައި ރޭގަނޑު 18:00 އިން ހެނދުނު 8:00 އާ ދެމެދު ގެއިން ބޭރަށް ނުނިކުތުން
  • ބޭސްފަރުވާ ހޯދުމަށް އެހެން ތަނަކަށް ހާޒިރުވާންޖެހޭ ހާލަތް ފިޔަވައި އެނޫން ހުރިހާ ހާލަތެއްގައި ކޮންމެ ދުވަހަކު ހެނދުނު 8:00 އާ 12:00 އާ ދެމެދުގެ ވަގުތެއްގައި އެންމެ ކައިރީ ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވެ ސޮއިކުރުން
  • މާލެއިން ބޭރަށް ނުދިއުން
  • މައްސަލާގައި ހެކިބަސްދޭނެކަމަށް ގަބޫލުކުރެވޭ އެއްވެސް މީހަކާ މުއާމަލާތު ނުކުރުމާއި، ބައްދަލު ނުކުރުމާއި، ހެކިންނަށް ނުފޫޒު ނުފޯރުވުން
  • ފަރުވާ ހޯދަމުންދާކަމުގެ ލިޔެކިއުންތައް ކޮންމެ 15 ދުވަހަކުން އެއް ފަހަރު ޕީޖީ އޮފީހަށާއި، ކްރިމިނަލް ކޯޓާ ހިއްސާކުރަމުން ދިއުން

ޕީޖީ އޮފީހުން ބުނީ މި ޝަރުތުތަކަށް ފަވާޒު އެއްބަސްވެފައިވާތީ މާޗު 17ގައި އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާކަމަށެވެ. އަދި ޝަރުތުތަކާ އެއްގޮތަށް އަމަލުކުރަމުންދާކަން ކަރެކްޝަންސް އަދި ފުލުހުންގެ ހިދުމަތުން ކަށަވަރުކުރަމުން ގެންދާނެކަމަށާއި، ޝަރުތަކާ ހިލާފުވެއްޖެނަމަ، އަލުން ޖަލު ބަންދަށް ބަދަލުކުރާނެކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ނައީމާ މޫސާ މަރާލި މައްސަލާގައި ފަވާޒްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވެއެވެ.

ނައީމާ ދިރިއުޅޭ ކޮޓަރީގައި ގިނަ ޒަހަމްތަކަކާއެކު އޭނާ މަރުވެފައި އޮއްވާ ފެނުނު އިރު ގައިގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ގިނަ ހަމަލާތަކެއް ވަނީ ދީފައެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އޭނާގެ ހަބަރެއް ނުވާތާ ދެ ދުވަހެއް ވެގެން އެ ރަށުގެ ބައެއް މީހުންނާއެކު ފުލުހުން އެގެއަށް ވަދެ ބެލުމުންނެވެ.