އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާ މަރާލުމަށް ހުރިހާ ކަމެއް ރޭވީ ހަސަން ފަވާޒު ކަމަށް ދައުލަތުން ތުހުމަތު ކުރި ނަމަވެސް އެ ދައުވާތަކަށް އޭނާ އިންކާރު ކޮށްފިއެވެ.

ނައީމާ މޫސާ މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 7 ވަނަ ދުވަހު އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިތެރެއިންނެވެ. ނައީމާ މަރުގެ މައްސަލައިގައި ދައުވާކުރި ތިން މީހުންނަކީ، ނ. މަނަދޫ، ފެހިވިލާގެ، އަހުޒަމް އަބްދުއްޝަކޫރާއި އެ ރަށު ފިނިފެންމާގެ، އަބްދުލްވާހިދު ރިފާސް އާއި އެ ރަށު ވިނަރެސް، ހަސަން ފަވާޒެވެ.

މިއަދުގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވާއިރު މި ތިން މީހުންގެ މައްޗަށް ދައުލަތުން ވަނީ 3 ދައުވާ އިއްވާފައެވެ. އެއީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ އިތުރުން، މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުން މިއަދު އިއްވި ދައުވާގައި ބުނެފައި ވަނީ ނައީމާއަކީ ސިހުރު ހަދާ މީހެއް ކަމަށާއި، ސިހުރު ހަދާ މީހުން މަރައިގެން ފާފަވެރި ނުވާނެ ކަމަށް ރިފާސް އަދި އަހުޒަމަށް ފަވާޒް ވިސްނައިދީފައިވާ ކަމަށެވެ. އަދި ނައީމާ މަރާލުމަށް ބޭނުންވާ އާލަތްތައް ހޯދައި، އެ ދެ މީހުން ނައީމާ ދިރިއުޅޭ ގެއަށް ގެންދިޔައީ ފަވާޒް ދުއްވާ ކާރުގައި ކަމަށް ވެއެވެ.

މި މައްސަލައިގައި ހިމެނޭ ފަވާޒްގެ މައްޗަށް ދައުވާތައް އުފުލި ސަބަބު ހާމަކުރަމުން ދައުލަތުން ބުނީ ރިފާސް އާއި އަހުޒަމްއަށް އިރުޝާދުދީ އެ އަމަލު ހިންގާފައި ވަނީ ފަވާޒްގެ އެންގުމަށް ކަމަށެވެ. އަދި އޭގެ ބަދަލުގައި އަގެއްގެ ގޮތުން ފަވާޒު އެމީހުންނަށް މަސްތުވާތަކެތި ދިން ކަމަށް ދައުލަތުން ބުނެފައި ވެއެވެ.

އަދި ނައީމާއަށް ހަމަލާ ދިނުމަށް އޭނާ އުޅޭ ގެއަށް ވަނީއްސުރެ މަރާލުމާ ހަމައަށް ފަވާޒު، އަހުޒަމްގެ އިތުރުން ރިފާސްއަށް އިރުޝާދު ދީފައިވާ ކަމަށް ވެއެވެ. އެއަށްފަހު ފަވާޒު އެ ދެ މީހުން (އަހުޒަމް އާއި ރިފާސް) ގޮވައިގެން ދިޔައީ ނ.މަނަދޫ ނާމަގު ސަރަޙައްދަށް ކަމަށާއި އެތަނަށް ގޮސްފައިވަނީ ހެކި ނައްތާލުމުގެ ބޭނުމުގައި ކަމަށް ދައުލަތުން ކުރާ ދައުވާގައި ބުނެފައި ވެއެވެ. އެގޮތުން ވަޅެއް ކޮނުމަށްފަހު އެމީހުންގެ ޖިންސާއި އަންނައުނުތައް އަންދާލާފައިވާކަމަށް ވެއެވެ.

ދައުވާ އިއްވުމުން ފަވާޒް ވަނީ ހުރިހާ ދައުވާއަކަށް އިންކާރުކޮށްފަ އެވެ. ނައީމާ މަރާލަން އެއްވެސް މީހަކަށް އެއްވެސް އިރުޝާދެއް އަދި އެއްވެސް އެހީތެރިކަމެއް ވެދީފައި ނުވާނެ ކަމަށާއި، މިކަމުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށް އޭނާ ބުނެފައި ވެއެވެ.

ދިފާއީ ވަކީލު ވިދާޅުވި ގޮތުގައި ދިފާއަށް ހެކި ހުށަހެޅޭނީ ދައުލަތުން ހުށަހަޅާފައިވާ ލިއެކިއުންތަކުގެ ތެރެއިން ނުލިބިވާ ރިޕޯޓުތައް ލިބުމުންނެވެ. އެކަމާ ގުޅިގެން ދައުލަތުގެ ވަކީލު ވަނީ، އޮގަސްޓު މަސް ނިމުމުގެ ކުރިން އެ ރިޕޯޓުތައް ހުށަހެޅުއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދެފަރާތުން ހެކި ހާމަ ކުރުމެވެ.