އިންޑިއާގެ އުއްތަރްކާންދް ގައި ހަދަމުން ދިޔަ ޓަނަލެއްގައި 41 މީހަކު ތާށިވި ހާދިސާ އަކީ އިންޑިއާގައި މިހާތަނަށް ބަޔަކު ބިމުއަޑީގައި ތާށިވެ ސަލާމަތް ނުކުރެވި ދިޔަ ހާދިސާއެވެ.
17 ދުވަސް ވާން ދެން 41 މީހަކު ޓަނަލެއްގެ ތެރޭގައި ތާށިވެފައި ތިބީ އެމީހުން މަސައްކަތް ކުރަމުން ދަނިކޮށް ޓަނަލުގެ ބައެއް ވެއްޓި މަގު ބެދުމުންނެވެ.
ރެސްކިއު ވޯކަރުން ގެ ބުރަ މަސައްކަތުން އެއެންމެން ސަލާމަތް ކޮށްފައި ވާ އިރު އެ ޓަނަލުގައި ތާށިވި މީހުންގެ ތެރެއިން އެކަކީ މަންޖީތެވެ.
އޭނާ ސަލާމަތްވެގެން ނިކުތް އިރު އިސްތިގުބާލުގައި ހުރީ އޭނާގެ ބައްޕައެވެ. ކުޑަކުޑަ ވިލެޖެއްގައި ދިރިއުޅޭ އޭނާގެ ބައްޕަ ދަރިފުޅު ދުށުމަށްޓަކައި 600 ކިލޯމީޓަރުގެ ދަތުރެއް ކުރީ މަންމަގެ ގަހަނާކޮޅު ރަހުނުކޮށް ލިބުނު މަދު ފައިސާކޮޅު ހިފައިގެންނެވެ. އޭނާގެ ހަމައެކަނި އުއްމީދަކަށް ވީ މަންޖީތު ދުށުމެވެ. މަންޖީތަށްޓަކައި އުމުރުން 50 އަހަރުގެ ޗައިދަރީ ގުރުބާން ވި ސަބަބުތައްވެސް ގިނައެވެ. މަންޖީތަކީ ޗައުދަރީގެ ދަރިންގެ ތެރެއިން މިވަގުތު ދުނިޔޭގައި ހުރި ހަމައެކަނި މީހާއެވެ. އޭނާގެ އެހެން ދަރިންތަނެއް މުމްބާއީގައި އިމާރާތެއް ކުރަން އުޅުމުގެ ތެރޭގައި މީގެ ކުރިން ވަނީ މަރުވެފައެވެ.
މަންތީތު ޓަނަލުން ނުކުތުމާއެކު ޗައުދަރީ އުފަލުން ގޮސް މަންޖީތުގެ ނިއްކުރީގައި ބޮސް ދިން މަންޒަރު ފެންނަ ފޮޓޯތައް އާންމުވެފައި ވާއިރު އެ ފޮޓޯއަށް ކޮމެންޓް ކުރަމުން ދާ މީހުން ބުނެފައި ވަނީ އެ ދައްކުވައިދެނީ ބައްޕައާއި ދަރިފުޅުގެ ދެމެދުގައި އޮތް ލޯތްބެވެ.
މަންޖީތާއި އޭނާއާއެކު ތިބި 40 މީހުން ތާށިވި ޓަނަލީ 1.5 ބިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދަމުން ދިޔަ ޓަނެލެކެވެ. އުއްތަރްކާންދުން އެއްގަމު މަގުން 50 މިނެޓު ހޭދަވާ ދަތުރު ހައިސްޕީޑް ރެއިލަގައި 5 މިނެޓަށް ކުރުކޮށްލުމުގެ ބޭނުމުގައި ހަދަމުން ދިޔަ އެޓަނަލްގައި އެމީހުން ތާށިވުމާއެކު ނެރުމުގެ މަސައްކަތް ކުރުމުގައި ގިނަ ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ. ހިމާލަޔަން ފަރުބަދަ ތަކުގެ ތެރޭގައި އެޓަނަލް ހަދަމުން ދިޔުމާއި އެ ފަރުބަދަތަކަކީ ދުނިޔޭގައި ހުރި އެންމެ ޒުވާން ފަރުބަދަތަކަށް ވުމާއި އެމީހުން ތާށިވެފައި ވާ ފުން މިނުގެ ސަބަބުން ބޭރު ތޮރުފަން ގެންގުޅުނު އެތައް މެޝިނަރީއެއް އެތައް ފަހަރަކު ހަލާކުވެގެން ވެސް ދިޔައެވެ.
އެހާ ދުވަސް ވާންދެން އެމީހުން ދިރި ތިބީ ޓަނަލްގެ ތެރެއަށް [އެމީހުން ތާށިވެފައި ތިބި ހިސާބަށް] ހިމަ ހޮޅިއެއް ވައްދާ, އެ ހޮޅިން ފުޅިފުޅީގައި ކާއެއްޗެއްސާއި އޮކްސިޖަން ފޯރުކޮށް ދިނުމުގެ ސަބަބުންނެވެ.
ބުރަ މަސައްކަތްތަކަށް ފަހު އެމީހުން ތިބި ހިސާބަށް ޓަނަލް ތޮރުފާލައިގެން ބާގަނޑެއް ހަދާ އެމީހުން ނެރެ ހަސްފަތާލުތަކަށް ގެންގޮސްފައިވާ އިރު ބައެއް މީހުން ބުނީ, އެމީހުން ޓަނަލްގެ ތެރޭގައި ނަފްސާނީ ނުވެ ތިބީ މޮބައިލް ފޯނުން ގޭމް ކުޅުމާއި ޔޯގާ ހަދަމުން ގެންދިޔުމުގެ ސަބަބުން ކަމަށެވެ. ނެތް ނުލިބުނު ނަމަވެސް ޕޯޓަބަލް ބެޓެރީ ބޭނުންކޮށްގެން ފޯން ޗާޖް ކޮށް ގޭމް ކުޅެ, އެކަކު އަނެކަކަ ވާހަކަ ދައްކާ, ޓަނަލްގެ ތެރޭގައި ހިނގާ ވަގުތުތައް ދުއްވާލަމުން ގެންދިޔަ ކަމަށާއި, ބޭރުން ހޮޅިން އަޅަމުންދިޔަ ގިނަ ކާއެއްޗެއްހި ނުކެވި ހުރިކަމަށް ބުނެފައި ވެއެވެ.
އާންމުވި ބައެއް ފޮޓޯއިން ކާއެއްޗެހި އަޅާފައި ހުރި ގިނަ އަދަދެއްގެ 1.5 ލީޓަރުގެ ފެން ހުސްކުރި ފުޅިތަކާއި ދޮންކޭލާއި އާފަލު ފެންނަން ހުއްޓެވެ. އަދި ބައެއް މީހުން ތަންމަތިތައް ހަދާ ނިދަން ތިބި އިރު ބިންމަތީގައި ސަތަރި އަޅާ އެމީހުން ތިބީ ރަނގަޅަށް ހަމަޖެހިގެންނެވެ.
މަންޖީތުގެ އަންބަކާއި ދަރިންވެސް ދުނިޔޭގައި އެބަތިއްބެއެވެ. މަންޖީތު ތާށިވި ހަބަރު ލިބުމާއެކު އެ އާއިލާ ހިތާމައިން ކުދިކުދިވެގެން ދިޔަ ކަމަށް އޭނާގެ އަންހެނުން ބުނެފައި ވެއެވެ. ނޮވެމްބަރު 12 ގައި މުޅި އިންޑިއާއަށް ދިވާލީ އީދުގައި މަންދީޖުގެ ގެ ހުރީ ފަޅަށެވެ. އެއްވެސް އަލިކަމެއް އަދި އުފާފާޅު ކުރުމެއް ނެތެވެ. އޭނާގެ އަންހެނުންނާއި ދަރިންނަށް އެރޭވެސް އަދި މަންޖީތު ސަލާމަތް ވުމާ ހަމައަށް އޮތީ ހިތާމައާއި ރުއިމެވެ.