ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ނިއުސްރޫމް ހިންގުން ވަގުތީގޮތުން އެ މީޑިއާގެ ސީނިއާ ނޫސްވެރިޔާ ހުސެއިން އަމީންއާ ހަވާލު ކޮށްފިއެވެ.
އެ މަގާމުގައި ކުރިން ހުރީ 1999 ވަނަ އަހަރު ފެށިގެން އެ ކުންފުނީގައި މަސައްކަތް ކުރަމުން ގެންދާ މުހައްމަދު އަފްޒަލެވެ.
އެގޮތަށް ނިންމަވާފައި ވަނީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރީގެ ބްރޯޑްކޮމްގެ މެންބަރު ޒީނާ ޒާހިރު އައްޔަން ކުރެއްވުމަށް ފަހު އޭނާ ފޮނުއްވި މެމޯއެއްގައެވެ.
އެ މެމޯގައި ޒީނާ ވިދާޅުވެފައި ވަނީ އެ ކުންފުނީގެ ނިއުސް ޑިޕާޓްމަންޓް މިހާރުން ފެށިގެން ވަގުތީ ގޮތުން ހިންގުން ސީނިއާ ޖާނަލިސްޓް ހުސައިން އަމީންއާ ހަވާލު ކޮށްފައިވާ ކަމަށާއި އަދި އަމީންގެ އިސް އެހީތެރިންގެ ގޮތުގައި ސީނިއާ އެޑިޓަރު އަހުމަދު ޖަދުއާން އަދި ސީނިއާ އެޑިޓަރު މުހައްމަދު ޖިނާހު އަލީ ހަމަޖައްސަވާފައި ވާ ކަމަށެވެ.
އެގޮތަށް ހަމަޖެއްސުމާ ގުޅިގެން ޑިރެކްޓާ ނިވްސް އެންޑް ކަރަންޓް އެފެއާޒް މުހައްމަދު އަފްޒަލް ވަގުތީ ގޮތުން ކުރަމުން ގެންދާނީ މެނޭޖިން ޑިރެކްޓަރު އަންގަވާ މަސައްކަތްތައް ކަމަށްވެސް އެ މެމޯގައި ޒީނާ ވަނީ ވިދާޅުވެފައެވެ
މީގެ ކުރިން ދިޓީވީގައި މަސައްކަތް ކުރި އަމީން ޕީއެސްއެމްއާ ގުޅިފައި ވަނީ މިދިޔަ 2019 ވަނަ އަހަރުގެ ތެރޭގައެވެ.