ރައީސް އަބްދުﷲ ޔާމީން އަލަށް އުފައްދަވާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ދީފިއެވެ.

ރައީސް ޔާމީންގެ ދަރިކަލުން ޒެއިން އަބްދުالله ޔާމީންގެ ނަމުގައި އުފައްދާ ޕީއެންއެފް އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅާފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

ޕީއެންއެފް އުފެއްދުމުގެ ހުއްދަ އީސީއިން ދީފައިވާ އިރު، ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރާކާތްތެރިވާ ރައީސް ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު، މުހައްމަދު މަލީހް ޖަމާލް، ލޯޔަރު އަހްމަދު އާސިފް އަދި ރައީސް ޔާމީންއަށް ތާއީދު ކުރައްވާ ބޭފުޅުން ވަނީ ހުއްދަ އާ ހަވާލުވެ ވަޑައިގަތުމަށް އީސީއަށް ވަޑައިގެންފައެވެ.

ޕާޓީގެ މުއައްސިސްގެ ގޮތުގައި ރައީސް ޔާމީން ހިމެނިވަޑައިގަންނަވާހެން 8 ބޭފުޅުން ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. އެގޮތުން ޔާމީންގެ އިތުރުން މުއައްސިސުންގެ ގޮތުގައި ތިއްބަވާނީ ޑރ. މުހައްމަދު ޖަމީލު އަހުމަދު, ކުރީގެ ސީޕީ ހުސައިން ވަހީދު, މުލިއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާ, އަދްލީ އިސްމާއީލް، ޑރ. ޖިހާދު ހަސަން، ކަކާގޭ އަލީ އާދަމް އަދި ޔާމީންގެ ދަރިކަލުން ޒެއިންއެވެ.

ރައީސް ޔާމީން ޕީޕީއެމްއިން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފެއްދަވަން ނިންމަވާފައި ވާކަން ހާމަކުރައްވާފައި ވަނީ އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނި ވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ލީޑާޝިޕްގެ ބޭފުޅުން ޔާމީން އާއި އެއްވެސް ކަމެއްގައި މަޝްވަރާ ނުކުރެއްވާ އަދި ރައީސް، މުއިއްޒު ވެރިކަމަށް ހޮވިވަޑައިގަތްފަހުން ޔާމީން ގުޅުއްވުމުން ފޯނު ވެސް ނުނަންގަވާ ކަމަށް ވިދާޅުވެ ޖަމީލު ވަނީ ގިނަ ތުހުމަތު ތަކެއް ކުރައްވާފައެވެ.