ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒިހައިރު ހަމަޖައްސައިފިއެވެ.

ބްރިގޭޑިއާ ޖެނަރަލް އަލީ ޒުހައިރު ސިފައިންގެ ވަޒީފާއިން ރިޓަޔާ ކުރައްވާފައި 2019 ވަނަ އަހަރުގެ މެދުތެރޭގައެވެ. ޒުހައިރު ވަނީ ސިފައިންގެއަށް 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްފައެވެ.

އޭރު އެ މަގާމުން ރިޓަޔާ ކުރެއްވި އިރު، ޒުހައިރަކީ ކޯސްޓްގާޑްގެ ކޮމާންޑަރުގެ އިތުރުން ސިފައިން ވެލްފައާ ކޮމްޕެނީ (ސިވެކް)ގެ ޗެއާމަނެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި، އެއްގަމު ދަތުރުފަތުރު ކުރެވޭނެ ފަދަ މަގުތަކެއް ރަނގަޅު ފެންވަރެއްގައި ހަދައި، ބެލެހެއްޓޭނެ ނިޒާމެއް ގާއިމު ކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް 2019 ވަނަ އަހަަރު އުފެއްދެވި ކުންފުންޏެކެވެ. މީހުން ދިރިއުޅޭ ރަށްތަކުގައި، އެއްގަމު ދަތުރުފަތުރު ކުރެވޭނެ ފަދަ މަގުތަކެއް ރަނގަޅު ފެންވަރެއްގައި ހަދައި، ބެލެހެއްޓުމަށް އެ ކުންފުނި އެކުލަވާލައި ކުންފުނީގެ މަސައްކަތް ރަނގަޅަށް ހިނގައިގަންނަށް ފެށީ 2020 ވަނަ އަހަރުއެވެ.