ދިހަ ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަން ތަރައްގީ ކުރުމަށް ސަރުކާރުގެ 3 ކުންފުންޏަކާއި ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ގޮތުގައި ސަރުކާރު ކުންފުނިތަކާއި ހަވާލުކުރީ ފަސް ހޮސްޕިޓަލަކާއި ސިއްހީ މަރުކަޒުތަކަށް އިތުރު ކުރެވޭ ފަސް އިމާރާތެއް އެޅުމަށެވެ.

މި މަސައްކަތްތައް ކުރުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)، ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އަދި ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އާރުޑީސީ) އާއެވެ.

އާރުޑީސީއާ ހަވާލުކޮށްފައިވާ މަޝްރޫތަކަކީ:

  • އދ. ފެންފުށި ހޮސްޕިޓަލް
  • ނ. ވެލިދޫ ހޮސްޕިޓަލް

ވެލިދޫ ހޮސްޕިޓަލުގެ އާ އިމާރާތް އެޅުމަށް 108 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް އެ ކުންފުންޏާ ހަވާލުކޮށްފައިވާއިރު ފެންފުށީ ސިއްހީ މަރުކަޒުގައި އާ އިމާރާތެއް އެޅުމަށް ހަވާލުކޮށްފައިވަނީ 26 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަށެވެ. މި ދެ އިމާރާތުގެ މަސައްކަތް ކުރުމަށް 540 ދުވަހުގެ މުއްދަތެއް އެ ކުންފުންޏަށް ދީފައި ވެއެވެ.

ސިއްހީ ހިދުމަތްދޭ ތަންތަން ތަރައްގީ ކުރުމަށް ސަރުކާރުގެ 3 ކުންފުންޏަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އެމްޓީސީސީ އާއި ހަވާލުކުރި މަޝްރޫއުތަކަކީ:

  • ށ. މިލަންދޫ ހޮސްޕިޓަލް
  • އއ. ރަސްދޫ ހޮސްޕިޓަލް
  • ހދ. ނެއްލައިދޫ ސިއްހީ މަރުކަޒު
  • ގއ. ވިލިނގިލި ހޮސްޕިޓަލް
  • ކ. ތުލުސްދޫ ހޮސްޕިޓަލް

މިލަންދޫ އާއި ތުލުސްދޫ ހޮސްޕިޓަލްގެ އާ އިމާރާތް އެޅުމަށް ހަވާލުކޮށްފައިވަނީ އެއިން ކޮންމެ ހޮސްޕިޓަލެއް ތަރައްގީކުރުމަށް 110 މިލިޔަނަށްވުރެ ގިނަ ރުފިޔާއަށެވެ. އަދި ރަސްދޫ އާއި ވިލިނގިލީ ހޮސްޕިޓަލުގެ އައު ޢިމާރާތް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ އެއިން ކޮންމެ ހޮސްޕިޓަލެއް ތަރައްގީކުރުމަށް 185 މިލިޔަނަށްވުރެ ގިނަ ރުފިޔާއަށެވެ.

ފެނަކަ އާއި ހަވާލުކޮށްފައިވާ މަޝްރޫއުތަކަކީ:

  • ބ. ކުޑަރިކިލު
  • ގދ. ނަޑެއްލާ
  • ގއ. ކޮނޑޭ

ފެނަކަ އާއި ކުޑަރިކިލު ސިއްހީ މަރުކަޒުގައި އިތުރު އާ އިމާރާތެއް އެޅުމަށް ހަވާލުކޮށްފައިވަނީ 7 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށެވެ. އަދި ކޮނޑޭގައި ހުރި ސިއްހީ މަރުކަޒަށް ބޭނުންވާ އިތުރު އިމާރާތެއް އެޅުމަށާއި ނަޑެއްލާ ސިއްހީ މަރުކަޒަށް އިތުރުކުރެވޭ އިމާރަތް ތަރައްގީކުރުމަށް ހަވާލުކޮށްފައިވަނީ އެއިން ކޮންމެ އިމާރާތަކަށް 6 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށެވެ. މި ތިން މަޝްރޫއު ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުން ނިންމާ ގޮތަށެވެ.

ސިއްހީ ހިދުމަތްދޭ ތަންތަން ތަރައްގީ ކުރުމަށް ސަރުކާރުގެ 3 ކުންފުންޏަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މިކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ސިއްހީ ނިޒާމު ހަރުދަނާކުރުމަށް އެންމެ މުހިންމު އެއްކަމަކީ އުމްރާނީގޮތުން ދާއިރާ ހަރުދަނާކުރުންކަމަށެވެ.

އަދި ހަމައެހެންމެ ރަށްރަށުގެ ސިއްހީ ނިޒާމުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ، މަރާމާތުކުރުމާއި އިތުރަށް ތަރައްގީގެ މަސައްކަތެއް ނުކުރެވުމުގެ ސަބަބުން ދުވަސްވެ ވީރާނާވެފައިވާ އިމާރާތްތަކެއްގައި ސިއްހީ ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުންދާ ތަންތަން ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަސައްކަތްތައް ތާވަލާއެއްގޮތަށް ނިންމުމަށް މަސައްކަތް ކުރައްވާނެކަމަށް ކުންފުނިތަކުގެ މެނޭނިޖިން ޑިރެކްޓަރުން ވަނީ ވިދާޅުވެފައެވެ.