ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަރުންގެ ނައިބުގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.
އިކޮނޮމިކް މިނިސްޓަރުގެ ނައިބުގެ މަގާމަށް 4 ފަރާތެއް އައްޔަން ކުރައްވާފައި ވާއިރު އެއީ ސޯލިހު ހުސައިން، އާއިޝަތު ޝަހުދާ އަބްދުﷲ، މުހައްމަދު އައިޝް އަދި އަހްމަދު ސާލިމް ސައީދުއެވެ.
ޓޫރިޒަމް މިނިސްޓަރުގެ ނައިބުގެ މަގާމަށް އިބްރާހީމް ޔޫސުފްފުޅު އަދި މުހައްމަދު ޔާމީން އަހްމަދު އައްޔަން ކުރައްވާފައި ވާއިރު ފިޝަރީޒް މިނިސްޓަރުގެ ނައިބު ކަމަށް އަހްމަދު ޝާފިއު އަދި ހައްމާދު އަބްދުލްކަރީމް ވަނީ އައްޔަން ކުރައްވާފައެވެ.
އިސްލާމިކް މިނިސްޓަރުގެ ނައިބު މިނިސްޓަރު ކަމަށް ހައްވާ ލަތީފް އަދި ހިސާން އަލީ އަހްސަން އައްޔަން ކުރައްވާފައި ވާއިރު އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު މިނިސްޓަރު ކަމަށް ސުލްތާން ރާމިޒް، ފިނޭންސް މިނިސްޓަރުގެ ނައިބު މިނިސްޓަރު ކަމަށް އަހްމަދު ސާއިދު މުސްތަފާ ވަނީ އައްޔަން ކުރައްވާފައެވެ.
މީގެ އިތުރުން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރުގެ ނައިބު ކަމަށް ހައްސާނު ހަމީދު، މުހައްމަދު ރިޝްމީ އަދި އަހްމަދު އަލީ އައްޔަންކުރައްވާފައިވާއިރު ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓަރުގެ ނައިބު ކަމަށް ހުސައިން ޝިފާޒް، އާއިޝަތު ނާޒިމާ، ފާތިމަތު ފަޒުލާ ރަޝީދު އަދި އާމިނަތު ޝަޖަން ވަނީ އައްޔަން ކުރައްވާފައެވެ.
ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރުގެ ނައިބު ކަމަށް މަލްޝާ ޝަރީފް، ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރުގެ ނައިބު ކަމަށް މުހައްމަދު އިމްރާން ހަސަން އަދި ފާތިމަތު އިފާޝާ، ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރުގެ ނައިބު ކަމަށް ކަނޑައަޅާފައިވަނީ އާމިނަތު ނަދާ މުހައްމަދު އަދި ޒޫޝާން ކަމާލުއްދީންއެވެ.
މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ނައިބު ކަމަށް މުހައްމަދު އަވާދު އަޔާޟު އައްޔަނު ކުރައްވާފައި ވާއިރު ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރުގެ ނައިބުގެ މަގާމަށް ހައްސާނު މުހައްމަދު ވަނީ އައްޔަން ކުރައްވާފައެވެ.