އޭރުގެ އިދިކޮޅު ފަރާތްތަކުން އެމްޑީޕީގެ ނިމިދިޔަ ސަރުކާރަށް ކުރި ތުހުމަތުތައް ތަހުގީގުކޮށް ޕަބްލިކް އިންކުއަރީ ހެދުމަށް ގޮވާލައި މާދަމާގެ ޖަލްސާ އަށް ގަރާރު ހުށަހަޅަން ނިންމައިފިއެވެ.

އެމްޑީޕީގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީ ހުށަހަޅުއްވާ ގަރާރުގައި ބުނީ، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ސިޔާސަތުތަކާއި ނިންމާފައިވާ ނިންމުންތަކާއި ބޭރު ގައުމުތަކާ އެކު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ގައުމީ ސަލާމަތަށް އަސަރުކޮށްފައިވާ ކަމަށް ބުނެ، އިދިކޮޅުން ކުރި ތުހުމަތުތަކުގެ ހަގީގަތް ހާމަކުރުމަށް އެދި ގިނަ ރައްޔިތުން ގޮވާލަމުންދާ ކަމަށެވެ.

އެހެންކަމުން އެކަމުގެ ހަގީގަތް ހާމަކުރުމަކީ ރާއްޖޭގެ ހަމަޖެހުމަށާއި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ފެންނަ ކަމަށް، އެ ގަރާރުގައިވެއެވެ.

މިހާރު ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެމްޑީޕީގެ ސަރުކާރަށް ތުހުމަތުކުރަނީ

  • ރާއްޖެ / މޮރިޝަސް ދެމެދު އޮންނަ ކަނޑުގެ ފުށޫއަރާ ސަރަހައްދުގެ އިން ކަނޑައެޅި މައްސަލަ ނިންމާފައި ވަނީ ރާއްޖެ އަށް ގެއްލުންވާ ގޮތަށް ކަމަށް
  • ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލި ކަމަށް
  • އިންޑިއާގެ އެތައް ހާސް ސިފައިންނެއް ބައިތިއްބައި ރާއްޖޭގެ މިނިވަންކަން ނަގާލުމަށް ސަރުކާރުން އުޅުނު ކަމަށް

މިދިޔަ ބުރާސްފަތި ދުވަހުގެރޭ އއ. އުކުޅަހުގައި މިހާރު މައި އިދިކޮޅު ޕާޓީ އެމްޑީޕީން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އޭރު ކުރި ތުހުމަތުތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގައި އެދުމަށް ނިންމައިފައެވެ

މީގެ ދެ މަސްދުވަސް ކުރިން ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު ކެމްޕެއިން ދަތުރުފުޅެއްގައި އައްޑު އަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި އޭރު ނާކާމިޔާބުވުމަށް ދިމާވި އެއް ސަބަބުގެ ގޮތުގައި ސޯލިހު ފާހަގަކުރެއްވީ، އޭރުގެ ދިކޮޅުން ތަކުރާރުކޮށް ފެތުރި ވާހަކަތަކުގެ ހަގީގަތް ސަރުކާރުން އެންމެ އެދެވޭ ގޮތެއްގައި ރައްޔިތުންނަށް ހާމަކޮށްދެވިފައި ނުވާކަމެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް އޮފީހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ، އިންޑިއާގެ 77 ސިފައިން ރާއްޖޭގައި ގާއިމްވެ ތިބެ މަސައްކަތްކުރަމުންދާ ކަމަށެވެ. އެކަމަކު އެ ބައްދަލުވުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތިބީ ކިތައް ސިފައިން ކަމާއި ނިމިދިޔަ ސަރުކާރުގައި ތިބީ ކިތައް ސިފައިން ކަން ހާމަނުކުރައްވައެވެ.

މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ވައުދުތަކުގެ ތެރޭގައި، ކަނޑު މައްސަލައިގައި އިޓްލޮސްގައި މައްސަލަ އިސްތިއުނާފުކުރުމާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުން ހިމެނެއެވެ.