ފާއިތުވި 12 ގަޑިއިރެއް ހާއިރު ތެރޭ ޖުމްލަ 3 އެކްސިޑެންޓު ހުޅުމާލޭގައި ހިނގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލެ މިދިލިމަގުގައި ކާރަކާއި ދެ ސައިކަލު ޖެހި ފުރަތަމަ އެކްސިޑެންޓު ހިނގާފައި ވަނީ މިއަދު މެންދުރު 12:09 ހާއިރުއެވެ. އަދި އެ އެކްސިޑެންޓުގައި ދެ ސައިކަލު ދުއްވި ދެ މީހުންނަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް އޭރު ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އެ އެކްސިޑެންޓްގައި ހިމެނޭ އުޅަނދުތައް ދުއްވާފައިވަނީ "އީ" ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހުން ކަމަށްވިޔަސް އެ އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އެ އެކްސިޑެންޓްގެ ފޮޓޯތަކާއި ވީޑިއޯ ކްލިޕްތައްވެސް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.

ހުޅުމާލޭގައި މިއަދު ހިނގި ފުރަތަމަ އެކްސިޑެންޓް/ ފޮޓޯ: އެމްވީ ކްރައިސިސް

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރީތިގަސްމަގުގައި ކާރަކާއި ސައިކަލެއް ޖެހި ދެވަނަ އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު 17:05 ހާއިރުއެވެ. ނަމަވެސް މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މިއަދުގެ ތިންވަނަ އެކްސިޑެންޓު ހުޅުމާލޭގައި ހިނގާފައި ވަނީ ފުރަތަމަ ފިޔަވަހީގެ ނިރޮޅުމަގުގައި ދެ ސައިކަލެއް ޖެހިގެންނެވެ. އެ ހާދިސާ ހިނގާފައި ވަނީ މެންދުރު ފަހު 15:00 ހާއިރުއެވެ. ފުލުހުން ބުނި ގޮތުގައި ސައިކަލު ދުއްވަން އިން ދެ ފިރިހެނުންނަށް ވެސް އެކި ވަރުގެ އަނިޔާތައް ލިބި އިތުރު ފަރުވާ އަށް ހުޅުމާލޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. އަދި އެތަނުން ސައިކަލު ދުއްވަން އިން އެކަކުގެ ލައިސަންސް ނެތް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހުޅުމާލޭ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް އަބްދުﷲ މައުރޫފް ވިދާޅުވީ އެކްސިޑެންޓުތަކުގައި އަނިޔާވި 4 މީހުން އެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް މިވަގުތު އެ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވަނީ އެކަކު ކަމަށް މައުރޫފް ވިދާޅުވިއެވެ. ބާކީ ތިބި ތިން މީހުންގެ ތެރެއިން އެކަކު ގެއަށް ދޫކޮށްލާފައިވީ ނަމަވެސް އަނެއް ދެ މީހުން އެހެން ހޮސްޕިޓަލް ތަކަށް ބަދަލު ކޮށްފައިވާ ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ. "އެއްވެސް މީހަކަށް މާ ބޮޑެތި އަދި ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވޭ. ނަމަވެސް ބައެއް މީހުންގެ އެކިތަންތަން ފްރެކްޗާ ވެފައި ހުރި" މައުރޫފް ވިދާޅުވިއެވެ.

މި މައްސަލަތައް އިތުރަށް ބަލަމުންދާ ކަމަށް ފުލުހުން ބުނެފައި ވާއިރު ފަހަކަށް އައިސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވަމުންދާ ކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހު ފަތިހު 5 ޖަހާ ހާއިރު އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ބާރު ސްޕީޑްގައި ސައިކަލު ދުއްވާފައި ދަނިކޮށް މަގު ހުރަސްކުރި މީހެއްގައި ގައިގާ ޖެހި ބޮޑެތި އަނިޔާތަކެއް ލިބި ރާއްޖެއިން ބޭރުގައިވެސް ފަރުވާ ދީފައި ވެއެވެ. އެ މައްސަލައާ ގުޅިގެން ސައިކަލު ދުއްވަން އިން މީހާ ވަނީ 2 އަހަރަށް ޖަލަށް ލާފައެވެ.