މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ރިޔާސީ ކޮމިޝަންގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ރިޔާސީ ކޮމިޝަނުގެ މަސައްކަތް ނިމެން ކައިރިވެފައިވާކަން ފާހަގަކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި އެ ކޮމިޝަނުން ބުނީ 2 ހަފްތާ ތެރޭގައި އެ ކޮމިޝަނުގެ މަސައްކަތް ނިންމާ އިންކުއަރީ ރިޕޯޓް 2 ހަފްތާ ތެރޭގައި ރައީސްއަށް ހުށަހަޅާނެ ކަމަށެވެ.

ޔުމްނު ވެއްޓުނު މައްސަލަ ތަހްގީގުކުރަން ރައީސް ކޮމިޝަނެއް އުފެއްދެވީ މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅުގައެވެ.

އެ ކޮމިޝަނަށް ރައީސް ދެއްވި ބާރުތަކުގެ ތެރޭގައި ހިމެނެނީ:

  1. ކޮމިޝަންގެ މަސައްކަތަށާއި ތަހްގީގަށް ދައުލަތުގެ މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހިތެރިކަން ހޯދުން
  2. ކޮމިޝަނުން ކުރާ ތަހްގީގަށް ބޭރުގެ ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯދުން
  3. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން
  4. ހައްޔަރުކުރުމާއި ޖިނާއީ ތަހްގީގުތަކާ ގުޅޭ އެންމެހާ އަމުރުތަކަށް ކޯޓުގައި އެދުން
  5. ހާޒިރުކުރަން ޖެހޭ ފަރާތްތައް ހާޒިރުކޮށް ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ހެއްކާއި ލިޔެކިއުން ހުށަހަޅަން އެންގުން
  6. ކޮމިޝަނުން ބަލާ މައްސަލައެއް އެހެން ފަރާތަކުން ތަހްގީގުކޮށްފައިވާ ނަމަ އެ ތަހްގީގަކަށް ހޯދާފައިވާ ހެއްކާއި ލިޔެކިއުން ހޯދުން

ރިޔާސީ ކޮމިޝަނުގެ ރައީސްއަކީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު (ގ. ހަސަންކާރިގެ)އެވެ. އަދި ދެން ކޮމިޝަނުގައި ތިއްބަވާ މެންބަރުންނަކީ ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަހްމަދު މުހައްމަދު، ޑރ. މޫސާ މުރާދު، ޖަބީން މުހައްމަދު އަދި އާމިނަތު އީނާސްއެވެ.