ގްރޭޓާ މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައިގެ ގޮތުގައި ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވާފައިވާ ކަމަށެވެ.

މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ހިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ގްރޭޓާ މާލެ ސަރަހައްދުން ކަރަންޓު ކެނޑިފައި ވާއިރު، ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑިފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. އަދި މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

އެގޮތުން ގްރޭޓާމާލެ ގުރިޑް އަލުން އެނާޖައިޒް ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ޗެކްއަޕްތައް މިހާރު ފުރިހަމަ ކުރަމުންދާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އަދި މި ޗެކަޕްތައް ނިމުނުހާ އަވަހަކަށް މާލެއާއި ހުޅުމާލޭގެ ޖަނަރޭޓަރު ސެޓްތައް އެނާޖައިޒް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.