މަޖިލިހުގެ މެންބަރުންގެ އަދަދު އެއްވަރެއްގައި ހިފެހެއްޓުމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ހުށަހެޅުއްވި އިސްލާހު ބޭރުކޮށްލައިފިއެވެ.

ގާނޫނުއަސާސީ އަށް ގާސިމް ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، ކޮންމެ ފަސް އަހަރަކުން އެއް އަހަރު މަޖިލިހަށް އިންތިހާބުކުރާނީ 87 މެންބަރުންނެވެ.

އެ އިސްލާހަށް މިއަދު ވޯޓަށް އެހުމުން، މަޖިލިހަށް އޭރު ހާޒިރުވި 40 މެންބަރުންގެ ތެރެއިން އެ އިސްލާހު ފާސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ ހަތް މެންބަރުންނެވެ. ފާސް ކުރަން ނުފެންނަ ކަމަށް 25 މެންބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުންނުވާ މެންބަރަކު ވެސް އިންނެވިއެވެ.

އެ އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ގާސިމް އޭރު ވިދާޅުވީ، މަޖިލިހަށް މެންބަރުން އިންތިހާބުކުރުމަށްޓަކައި މިހާތަނަށް ބޭއްވުނު ކޮންމެ އިންތިހާބެއްގައި ވެސް މެންބަރުންގެ އަދަދު އިތުރުވަމުން ދާތީ، އެކަމުގެ ސަބަބުން ރާއްޖެ އަށް އިގްތިސޯދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ދަތިތަކާ ކުރިމަތިލާން ޖެހޭނެތީއެވެ.

އެހެންކަމުން، މަޖިލިހުގެ މެންބަރުންގެ އަދަދު ވަކި އަދަދަކަށް ކަނޑައަޅައި ގާނޫނުއަސާސީން ނިންމާފައި ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ، ކޮންމެ އިންތިހާބެއްގައި ވެސް 87 މެންބަރުން އިންތިހާބުކުރުމަށް ހުށަހަޅަން ނިންމެވީ ކަމަށް އޭނާ އޭރު ވިދާޅުވިއެވެ.

ރައީސް އޮފީހުގައި މީގެ މަހެއް ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ހާމަކުރެއްވި ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅު ހުންނެވީ ވެސް ވަކި އަދަދަކަށް މަޖިލިހަށް މެންބަރުން އިންތިހާބުކުރުމަށެވެ.

"އެހެން ނަމަވެސް 87 ގައި [މެންބަރުންގެ އަދަދު] ސީދާ ބަހައްޓާނީތޯ ނޫނީ ވަކި މިންވަރަކަށް އަދަދު ގެންދިއުމަށް ފަހު ކެޕެއް ކަނޑައަޅާނީތޯ، އެ ކަންތައްތަކަކީ ސިޔާސީ ޕާޓީތަކުންނާއި އަދި ހުރިހާ ފަރާތްތަކާ ދެމެދު މަޝްވަރާކުރެވިގެން އަންނަން ޖެހޭ ބަދަލެއް." މިއުވާން ވިދާޅުވިއެވެ.

އޭނާ އޭރު ވިދާޅުވި ގޮތުގައި ޕާޓީތަކާއި މަޖިލިހުގެ އިތުރުން، އެކަމުގައި ޝާމިލްވާ ފަރާތްތަކާ އެކު ކުރެވޭ މަޝްވަރާތަކަށް ފަހު، އެ ކަމާ މެދު ވަކި ގޮތެއް ނިންމާނެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި 87 މެންބަރުން ތިއްބަވާއިރު، އޭގެ ކުރިން 2014 ވަނަ އަހަރު 85 މެންބަރުން އިންތިހާބުކުރިއެވެ. 2009 ވަނަ އަހަރު 17 ވަނަ މަޖިލިހަށް އިންތިހާބުކުރީ 77 މެންބަރުންނެވެ.