ޕްރިޔަންކާ ޗޯޕްޅާ އަކީ ބޮލީވުޑްގެ ނަން މަޝްހޫރު ތަރިއެކެވެ. ގިނަ ބޮލީވުޑް ތަރިން ހޮލީވުޑްގައި މިހާރު މަސައްކަތްކުރަމުން އަންނަ އިރު އޭގެ ތެރެއިން އެކަކީ ޕްރިޔަންކާ އެވެ. މަޝްހޫރު ޖޯނަސް ބްރަދާސް ބޭންޑުގެ މެންބަރު ނިކް ޖޯނަސް އާ ކައިވެނިކޮށް ދިރިއުޅުން އިންޑިއާއިން ބޭރަށް ބަދަލުކޮށްފައިވާ ޕްރިޔަންކާ ގިނައިން މިހާރު މަސައްކަތްކުރަމުން އަންނަނީ ހޮލީވުޑްގައެވެ. އެގޮތުން މިއަހަރު ނުކުތް ފިލްމު "ލަވް އަގެއިން" އަކީ ޕްރިޔަންކާ އާއި އޭނާގެ ފިރިމީހާ ނިކް ވެސް ފެނިގެންދިޔަ ފިލްމެކެވެ.

  • ތަރިން

ޕްރިޔަންކާ ޗޯޕްޅާ ޖޯނަސް (މީރާ)، ނިކް ޖޯނަސް (ޖޮއެލް)، ސަމް ހޫގަން (ރޮބް ބާންސް)، ސެލީން ޑިއޯން، ރަސެލް ޓޮވޭ (ބިލީ ބްރޫކްސް)، ލިޑިއާ ވެސްޓް (ލީސާ ސްކޮޓް)، ސޯފިއާ ބާކްލޭ (ސޫޒީ ރޭ) އަދި އަރިންޒޭ ކޭން (ޖޯން) އެވެ.

  • މައިގަނޑު ވާހަކަ

ފިލްމު ފެށިގެންދަނީ ޖޯން އާއި މީރާގެ ބައްދަލުވުމަކުންނެވެ. ދެ ލޯބިވެރިން ބައްދަލުވުމަށްފަހު ޖޯން ހިނގައިގަތީ އޮފީހަށްދާން ލަސްވާތީ އޮފީހަށް ދިޔުމަށެވެ. ނަމަވެސް އެ ދުވަސްވެގެންދިޔައީ ޖޯންގެ އެންމެ ފަހު ދުވަހަށެވެ. ލޯބިވެރިޔާ މީރާ ކުރިމަތީ ޖޯން މަރުވީ ކާރު އެކްސިޑެންޓެއްގައެވެ. ފިލްމުގެ މިހިސާބުން ދެން ދައްކަނީ ދެ އަހަރުފަހެވެ. ލޯބިވެރިޔާ ހަނދާންތަކުގައި މީރާ ކޮންމެ ދުވަހެއްވެސް ހޭދަކުރަމުން ދިޔައިރު އެނބުރި ގެއަށް އަންނަން އޭނާގެ ކޮއްކޮ ސޫޒީ މީރާ ގާތު ކިޔައެވެ. އެންމެފަހުން ކޮއްކޮގެ އާދޭސްތަކަށް މީރާ އެނބުރި ގެއަށް އާދެއެވެ. މަޑުމަޑުން މަރުވެފައިވާ ލޯބިވެރިޔާގެ ހަނދާންތަކާ ދުރަށް ދެވޭތޯ މަސައްކަތް ކުރިއެވެ. މީރާ، ޖޯންގެ ނަންބަރަށް މެސެޖުކުރަން ފެށިއެވެ. ދެމީހުން އަބަދުވެސް އެކުއެކީ އުޅެން ބޭނުންވާ ވާހަކައާ އަބަދުވެސް ލޯބިވާ ވާހަކަ ބުނަމުން ދިޔައެވެ. މީރާ އަށް ނޭނގުނީ އެ ނަންބަރު މިހާރު އެހެން މީހެއް ބޭނުންކުރަމުން އަންނަ ކަމެވެ.

ރޮބަށް އާދަޔާ ހިލާފު މެސެޖުތަކެއް ލިބެން ފެށިއެވެ. މެސެޖުތަކަށް ރިޕްލައި ނުކުރީ އެ މެސެޖުކުރާ މީހާގެ ދިރިއުޅުމާ ގުޅޭ ވަރަށް ގިނަ ކަންތައް ހިއްސާކުރާތީއެވެ. ދުވަސްތައް ފާއިތުވަމުން ގޮސް ރޮބަށް އެ މީހާ ދެކެ ލޯބިވާން ފަށައެވެ. މެސެޖުކުރަނީ ކާކުތޯ ބެލުމަށް ޝައުގުވެރިކަން އުފެދެއެވެ. އޮފީހުގެ ގާތް އެކުވެރިޔާ ބިލީ އާއެކު އޭނާ ރެސްޓޯރަންޓަށް ދަނީ އެ މެސެޖުކުރި މީހާ ޑޭޓަކަށް އެތަނަށް ދާން ހަމަޖެހިފައި އޮތް ވާހަކަ "ޖޯން" ގާތު ބުނުމުންނެވެ. މީރާ އާއި ޖޮއެލް ރެސްޓޯރަންޓުން ބައްދަލުވެއެވެ. ނަމަވެސް ޖޮއެލްގެ ކިބައިގައި މީރާ ބޭނުންވާ ކަހަލަ ސިފައެއް ނެތުމުން ޖޮއެލް އާ ގަޔާއެއް ނުވެވުނެވެ. ކޮންމެއަކަސް ރޮބަށް މީރާ ފެނެއެވެ. އަދި އޭނާ އަށް މެސެޖުކުރަނީ މީރާކަން އޭނާ އަށް ޔަގީންވެއެވެ.

މީރާ އާއި ރޮބް ދިމާވަނީ އޮޕޭރާއެއްގެ ތެރެއިންނެވެ. އެއީ ދެމީހުން ފުރަތަމަ ދިމާވެ ވާހަކަދެއްކި ތަނެވެ. މަރުވެފައިވާ ލޯބިވެރިޔާ ކަމަށް ހީކޮށް މީރާ މެސެޖު ކުރަނީ ރޮބަށް ކަން ބުނަން ރޮބް ބޭނުންވިއެވެ. ނަމަވެސް އެވާހަކަ ސިއްރުކުރީ މީރާ އޭނާއާ ދުރަށް ގޮސްދާނެތީ އެކަމުގެ ބިރަށްޓަކައެވެ. މީރާ އާއި ރޮބް ގިނައިން ދިމާވާން ފަށައެވެ. އަދި ދެމީހުންނަށްވެސް އެކަކު އަނެކަކު ދެކެ ލޯބިވެއެވެ. ނަމަވެސް އެހުރިހާ ކަމެއް ބަދަލުވެގެން އައީ މީރާ އަށް ހަގީގަތް ފަޅާއެރުމުންނެވެ. މީރާ، ރޮބް ދެކެ ރުޅިއައެވެ. އަދި އޭނާ އާ ދުރަށް ދާން ނިންމިއެވެ. މި ފިލްމުގައި ދެން ކަންތައްތައް ވެގެންދާ ގޮތް ބަލައިލާށެވެ. ހިތުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު ފިލްމު ބެލުމުން ލިބޭނެއެވެ. "ލަވް އަގެއިން" މިހާރު ނެޓްފްލިކްސް އިން ބެލޭނެއެވެ.