ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާ އާ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަން ކޮމިޝަނަށް ދާދި ދެންމެއަކު ފޯމު ހުށަހަޅައިފިއެވެ.

ޔާމީން ގެ ފަރާތުން ފޯމު ހުށަހަޅަން އިލެކްޝަން ކޮމިޝަން އަށް ހާޒިރުވި ޓީމުގައި އިސްކޮށް ތިއްބެވީ އެ މަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްއެވެ. އެ ބޭފުޅުންނާ އެކު ޔާމީންއަށް ތާއީދުކުރާ، ޕީޕީއެމްގެ ބައެއް މެންބަރުން ވެސް ބައިވެރި ބައިވެރިވެފައި ވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށް ފަހު އެދުވަހުމެ ވަނީ އާ ޕާޓީ އެއް އުފެއްދުމުގެ މަސައްކަތް ފައްޓަވާފައެވެ. އެގޮތުން ޕާޓީ އަށް ކިޔާނެ ނަމާއި ލޯގޯ އަދި ކުލަ ރޭ އިއުލާން ކޮށްފައި ވާއިރު އާ ޕާޓީއަށް ކިޔަނީ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އެވެ. އެ ޕާޓީގެ ލޯގޯގައި ބޭނުންކޮށްފައި ވަނީ ދަނބާއި ހުދު ކުލައެވެ.

ޕީޕީއެމްއާއި ޕީއެންސީގެ ކޯލިޝަނުން ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް މަސައްކަތްތަކެއް ކުރިއެވެ. އަދި އިންތިހާބު ކާމިޔާބު ކުރައްވާ ޕީއެންސީއަށް ގިނަ އަދަދެއްގެ ބަޔަކު ވެއްދުމަށް ޕީއެންސީއިން ފެށި މަސައްކަތުގައި ޕީޕީއެމް ދޫކޮށް ގިނަބަޔަކު ދާކަން ފާހަގަ ކުރައްވާ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެކުގައި މަސައްކަތް ކުރަމުންދިޔަ ދެ ޕާޓީ ކަމަށްވިޔަސް ދާދިފަހުން ޕީއެންސީއިން ވަކި އޮފީހެއް ހަދައިގެން މަސައްކަތް ކުރަން ފަށާފައި ވާއިރު މިދިޔަ އަންގާރަ ދުވަހުގެ ރޭ ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު މަސްރަހު ވަނީ ހޫނުވެފަވެއެވެ. އެ ޕްރެސް ބާއްވާފައި ވަނީ ޕީޕީއެމްގެ އިސް ފަރާތްތަކަށް ނުވާއިރު އެ ޕްރެސްގައި ޕީޕީއެމް ހިންގުން ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލާއި ކުރީގެ ކަސްޓަމްސް ކޮމިޝަނަރު އައްބާސް އާދިލް ރިޒާއާ ހަވާލުކޮށްފައި ވާކަން އިއުލާން ކުރިއެވެ.

އެ ޕްރެސް ބޭއްވީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ތުހުމަތުކޮށް ޖެހިގެން އައި ބުދަ ދުވަހު މަލީހު ވަނީ އެ ޕާޓީއިން ސަސްޕެންޑްކޮށް، އެ ޕާޓީއިން ވަކިވެސް ކޮށްފައެވެ.

ޔާމީންގެ އާ ޕާޓީގެ އެޑްރެހަކީ ހ. ހުރަފައެވެ.

ޕާޓީ އުފައްދަން މަސައްކަތް ފެށުމާއެކު ސަރުކާރާއި އެޕާޓީގެ އިސް ބައެއް ބޭފުޅުންނާ ދެމެދު ބަހުގެ ހަމަލާތަކެއް ވެސް ވަނީ ހިނގާފައެވެ. ޔާމީނަށް މުއިއްޒާއި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ނުގުޅުއްވާ ކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގު ކުރިޔަސް ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވަނީ އިންތިހާބަށް ފަހު މިހާތަނަށް ވެސް އެ ދެބޭފުޅުން ގުޅުއްވާފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

މިއަދު އިލެކްޝަނަށް ފޯމް ހުށަހަޅާފައި ވާއިރު ދެން އޮންނާނީ ޕާޓީ އުފެއްދުމަށްޓަކައި 3000 މެންބަރުންގެ ސޮއި ހަމަކޮށް ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހެޅުމެވެ.