ޕީޕީއެމް އަދި ޕީއެންސީގެ އާންމު މެންބަރުން އެ ޕާޓީ ދޫކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމިން އުފައްދަވާ އާ ޕާޓީއާ ގުޅެން ނަން ނޯޓް ކުރުމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން މަލީހް ވިދާޅުވީ، އާ ޕާޓީގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށް ދާ ކަމަށާއި، އެ ޕާޓިއަށް ގުޅެން ބޭނުންވާ ފަރާތްތަކުން މިހާރު ވެސް ނަން ނޯޓް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން ނަން ނޯޓް ކުރާ ފަރާތްތަކަށް ޕާޓީ ރަޖިސްޓްރީ ވުމާ އެކު ޕާޓީއަށް ސޮއި ކުރުމަށް ގުޅަމުން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގެން އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމަވާފައިވާ ކަން އިއުލާން ކޮށްފައި ވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. އޭގެ އެއް ދުވަސް ކުރިން މަލީހް ވަނީ ޕީޕީއެމްގެ ވަރަށް ގިނަ އާންމު މެންބަރުން ރައީސް ޔާމީނަށް ގުޅައި އަދި މެސެޖް ކުރާ ކަމަށާއި ހުރިހާ މެސެޖްތަކަށް ޖަވާބު ދާރީ ނުވެވޭނެތީ 13 ފޯކަލް ޕޮއިންޓެއް ޔާމީން ކަނޑައަޅުއްވާފައިވާ ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ.

އެގޮތުން މިހާރު އާ ޕާޓިއާ ގުޅެން ނަންނޯޓު ކުރުމަށް އެ 13 ފޯކަލް ޕޮއިންޓް އަށް ގުޅައިގެން ނުވަތަ މެސެޖު ކޮށްގެން ކުރިއަށް ގެންދެވޭނެ ކަމަށް މަލީހް ވިދާޅުވިއެވެ. އަދި މާދަމާގެ ވަގުތެއްގައި އާ ޕާޓީއާ ގުޅެން ނަންނޯޓު ކުރުމަށް ހޮޓްލައިން ނަންބަރެއް އާންމު ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

'ދަ ޕްރެސް' އަށް މައުޅުމާތު ދެއްވަމުން ރައީސް ޔާމީން ގާނޫނީ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ވަނީ އާ ޕާޓީގެ މަސައްކަތްތައް ކުރިއަށް ދާ ގޮތުގެ މައުލޫމާތު ހިއްސާ ކުރައްވާފައެވެ. ޖަމީލް ވިދާޅުވީ، އާ ޕާޓީއެއް އުފެއްދުމަށްޓަކައި ބޭނުންވާ ގާނޫނީ އިޖުރާއަތުތަކާއި އެކަންތައްތައް ފުރިހަމަ ކުރުމުގެ މަސައްކަތް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ. އޭގެތެރެއިން ގާނޫނުގައި ހުރި އިޖުރާއަތުގެ ތެރޭގައި ކުރަން ހުރި ކަންކަމަކީ ވަގުތު ނަގާނެ ކަންތައްތައް ކަމަށާއި އެވަގުތު ނެގުމާ އެކީގައި ދެން އޮންނާނީ ޕާޓީ ރަޖިސްޓްރޭޝަން އަށް ހުށަހަޅައި ކުރިއަށް ގެންިދއުން ކަމަށް ޖަމީލް ވިދާޅުވިއެވެ.

އެހެންވީމައި މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށާއި ޕާޓީގެ ނަމާއި ޕާޓީގެ ލޯގޯ ވެސް ރައީސް ޔާމީން ވަނީ ފައިނަލަލް ކުރައްވާފައި ކަމަށް ޖަމީލް ވިދާޅުވިއެވެ. މީގެ އިތުރުން މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާ ޕާޓީއާ ގުޅެން ތިބި ގިނަ ބަޔަކު ނަންނޯޓު ކުރަމުން އަންނަ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީނާ އެކު އާ ސިޔާސީ ޕާޓީގެ މަސައްކަތުގައި އެންމެ ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާ މަލީހާ ގުޅޭ ސުލޫކީ މައްސަލައަކާ ހުރެ ޕީޕީއެމުން ވަނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ މަލީހް އެ ޕާޓީން ވަކިކޮށްފައެވެ. މަލީހް ޕީޕީއެމުން ވަކި ކުރުމާ އެކު ރައީސް ޔާމީން ވެސް ވަނީ އެރޭ ޕީޕީއެމުން ވަކިވެވަޑައިގެން އާ ޕާޓީއެއް އުފައްދަަވާ ކަން އިއުލާން ކުރައްވާފައެވެ. އެއާއެކު މިއަދުގެ ވަގުތެއްގައި ޑރ. ޖަމީލް ވެސް ވަނީ ޕީޕީއެމް ދޫކުރައްވައި ޔާމީނާއެކު ހުންނެވި ކަން އިއުލާން ކުރައްވާފެއެވެ.

މިހާތަނަށް އައި އިރު އަދި ޔާމީން އުފައްދަވާ އާ ޕާޓީއަށް ކިޔާނެ ނަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ޕާޓީގެ ނަން ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށް ޔާމީންގެ އަރިސް ބޭބޭފުޅުން ވަނީ ވިދާޅުވެފައެވެ.