އިންޑިއާގެ އެއާފޯސްގައި ބޭނުން ކުރާ މިގް 21 މަރުކާގެ މުސްކުޅި އަސްކަރީ މަތިންދާބޯޓުތަކުގެ ބަދަލުގައި ބޭނުން ކުރަން އުފައްދަން ފެށި ލުއި އަދި ކުދި ފައިތާޖެޓް އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދުއްވާލައްވައިފިއެވެ.

ހިސްދުސްތާން އެއުރޮނޯޓިކްސް ލިމިޓެޑެން އިންޑިއާގެ އެއާފޯސް އަށް އުފައްދައިދޭ މި ކުޑަ އަދި ލުއި ފައިޓާޖެޓް ދުއްވާލައްވަން އެ ބޯޓަށް އަރައިވަޑައިގެން މޯދީ ވަނި ފޮޓޯތަކެއް އާންމު ކުރައްވާފައެވެ.

އެއް އިންޖީން ހުންނަ ލުއި މި ފައިޓާޖެޓަކީ 1980 އިން ފެށިގެން ތަރައްގީ ކުރަމުން އަންނަ ފައިޓާޖެޓެކެވެ. އޭގެ ހަލް އިން ފެށިގެން ބޯޓުގައި ބޭނުން ކުރާ ހުރިހާ އެއްޗެއްސަކީވެސް 100 ޕަސެންޓް އިންޑިއާގެ އުފެއްދުމެވެ. މިހާރު މަސައްކަތް ނިންމާ ހިދުމަތަށް ނެރެފައި ވާ އިރު، އެއާފޯސްގައި ބޭނުން ކުރާ މުސްކުޅި މިގް 21 ގެ ބޯޓުތަކުގެ ބަދަލުގައި ބޭނުން ކުރަން 324 ބޯޓު ހަދަން ވަނީ ނިންމާފައެވެ.

އިންޑިއާއިން އުފެއްދި ކުޑަ ފައިޓާޖެޓްގައި މޯދީ

ސުޕާސޮނިކް ސްޕީޑް [އަޑަށް ވުރެ ބާރަށް ދުވާ] ގައި ދުވާ މި ބޯޓުތަކަކީ ކާމިޔާބު މޮޑަލެއް ކަމަށާއި މިބާވަތުގެ ބޯޓު އިންޑިއާ އާ ގުޅިގެން އުފައްދަން އެމެރިކާއިން ވެސް ޝައުގުވެރިކަން ފާޅުކޮށްފައި ވާ ކަަމަށް އެގައުމުގެ ނޫސްތަކުން ބުނެއެވެ.

ވައިގެ ތެރޭގައި ތެޔޮ އެޅޭ ގޮތަށް އަދި އިލެކްޓްރޯނިކް ރޭޑާ އާއި އިލްކެޓްރޯނިކް ވޯފެއާ ސޫޓު ހިމަނާފައިވާ މިބޯޓަކީ އެ ކެޓަގަރީގައި ބޭނުން ކުރާ އެންމެ އެޑްވާންސް އުޅަނދުކަމަށް ވެސް ބުނެފައި ވެއެވެ.

އަދި މިސައިލް ހަރުކޮށް، ވައިގެ މަގުން އެއްގަމަށް ވެސް ހަމަލާ ދިނުމުގެ ގާބިލުކަންވެސް މީގައި ހިމަނާފައި ވާ ކަމަށާއި އާންމުކޮށް ބޭނުން ކުރާ ހަނގުރާމަމަތީ ބޯޓުތަކަށް ވުރެ ކުޑަވަގުތުކޮޅެއްގައި މި ބޯޓަށް ބޭނުންވާ ހަތިޔާރު ބަރުކޮށް އުދުހިގެން ދެވޭނެ ކަމަށް ވެސް ބުނެއެވެ.