އިންޑިއާގެ ޕޫނެގައި އުމުރުން 36 އަހަރުގެ ފިރިހެނަކު އޭނާގެ އަންހެނުންގެ އުފަން ދުވަހަށް ދުބާއީއަށް ނުގެންދިޔަ މައްސަލައިގައި އަރާރުންވެ ނޯއްމަތީގައި ޖެހުމުން ލިބުނު އަނިޔާއަކުން މަރުވެއްޖެއެވެ.

އޮފިޝަލުން ބުނާގޮތުން މިހާދިސާ ހިނގާފައި ވަނީ ޕޫނޭގެ އެންމެ ފޯރާ ހިސާބު، ވަނާވަދީގައި އެ ދެމަފިރިން ދިރިއުޅުނު އެޕާޓުމަންޓު ތެރޭގައެވެ.

ލޯބިން ގުޅިގެން އުޅުމަށް ފަހު ކުރި ކައިވެންޏަށް 6 އަހަރު ވެފައި ވާ އެ ދެމަފިރިންގެ ދެމެދުގައި ހިނގި އަސްލު ޒުވާބެއް ނޭނގެއެވެ. ނަމަވެސް އަންހެން މީހާ އާ ހަވާލާދީ އޮފިޝަލުން ބުނެފައި ވަނީ ޒުވާބު ހިނގީ އޭނާގެ އުފަން ދުވަހަށް ދުބާއީއަށް ނުގެންދިޔަ މައްްސަލައިގައި ކަމަަށެވެ.

"ތަހުގީގަށް މިހާތަނަށް ފާހަގަވެފައި ވަނީ ކައިވެނީގެ ހަފްލާގައި ވެސް ފިރިމީހާ އޭނާގެ އަނބިމީހާއަށް އަގިބޮޑެތި ހަދިޔާ ދީފައި ނުވުމާއި، އާއިލާގެ ބަޔަކާއެކު ދުބާއީގައި އުފަންދުވަސް ފާހަގަ ކުރަން ދާން ފިރިމީހާ ގާތު އެދުމުން އޭނާ އެކަށީގެންވާ އިޖާބައެއް ނުދިން މައްސަލަ"

މަރުވި މީހާ އަކީ ޕޫނޭގައި ކޮންސްތްރަކްޝަން މަސައްކަތް ކުރާ ވިޔަފާރިވެރިއެކެވެ.

ފުލުހުން ބުނީ، އެ ޒުވާބުގެ ތެރޭގައި އަންހެން މީހާ އެ ފިރިހެން މީހާގެ ނޯއްމަތީގައި ޖެހިލެއް ބާރު ކަމުން ލިބުނު ޒަހަމުން މަރުވީ ކަމަށެވެ. އަދި އެ ހަމަލާގައި ފިރިހެން މީހާގެ ދަތެއްވެސް ބިންދައިގެން ގޮސްފައި ވާ ކަމަށް ވަނީ ބުނެފައެވެ.