ދިރާސީ އާ އަހަރު ފެށުން، 2025 ވަނަ އަހަރު ބަދަލުކުރާއިރު ކުދިންގެ ކިޔެވުމަށް ވާނެގޮތަކާމެދު ބެލެނިވެރިންގެ ކަންބޮޑުވުން އޮތުމާއެކު މި ބަދަލު ގެންނަން އުޅޭ ގޮތް ދެނެގަތުމަށް އައްޑޫ ސިޓީ މީދޫ ދައިރާގެ މެންބަރު ރޮޒައިނާ އާދަމް، އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އާއި ސުވާލުކުރަން ނިންމަވައިފިއެވެ.

މި މަހުގެ 22 ވަނަ ދުވަހު ޑރ. އިސްމާއީލް ޝަފީއުއަށް އެޑްރެސްކޮށް ރޮޒައިނާ ފޮނުއްވި ވަޒީރުންނާ ސުވާލުކުރުމުގެ ނޯޓިސްގައި ވިދާޅުވީ މާލެ ސަރަހައްދުގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ދިރާސީ އާ އަހަރު ފެށުން، 2025 ވަނަ އަހަރު ބަދަލުކުރާ ވާހަކަ ދައްކާފައި ވާކަމަށެވެ. މިކަމުގެ ސަބަބުން ކިޔަވާ ކުދިންގެ ކިޔެވުމަށް އަސަރުކޮށް އެ ކުދިންގެ އުމުރުން ބައެއް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ބެލެނެވެރިންނަށް އެބައޮތްކަމަށެވެ.

އެހެންކަމުން މިހާރު ހިނގަމުންމިދާ ދިރަސީ އަހަރު 2024 ވަނަ އަހަރު ޖޫންމަހަށް ނިމޭއިރު އެ ތާރީހާއި އަލަށް ފެށުމަށް ހަމަޖެހިފައިވާ ދިރާސީ އާ އަހަރާ ދެމެދު ހޭދަވާ މުއްދަތުގައި ދަރިވަރުންގެ ކިޔެވުމާ ގުޅިގެން މިނިސްޓްރީން ވިސްނާފައިވާ ގޮތަކީ ކޮބައިކަން އޮޅުން ފިލުވައި ދެއްވުމަށް ރޮޒައިނާ ވަނީ އެދިވަަޑައިގެންފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ދިރާސީ އާ އަހަރު ފެށުން، 2025 ވަނަ އަހަރަށް ބަދަލުކުރަން ނިންމާފައިވާކަން ހާމަކޮށްފައިވާއިރު އަދި މިހާތަނަށް އެކަމުގައި އަމަލުކުރާނެ ގޮތެއް މިނިސްޓްރީން އަންގާފައެއް ނުވެއެވެ. އެހެންކަމުން މިކަމާ ގުޅިގެން ގިނަ ބެލެނެވެރިންގެ ކަންބޮޑުވުންތަކެއް ހުރިއިރު، އެޑިއުކޭޝަނުން މީގެ ކުރިން ބުނެފައިވަނީ މިހާރު އޮންނަ ގޮތަށް، ދިރާސީ އަހަރު ބަދަލުކުރުމުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ ތައުލީމީ ދާއިރާ ރަނގަޅަށް ކުރިޔަށް ގެންދިއުމަށް ވެސް ބޮޑެތި ގޮންޖެހުންތައް އެބަހުރިކަމަށެވެ.