ކުޑަކުއްޖަކަށް އަނިޔާ ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި އުމުރުން 22 އަހަރުގެ ސަންދީޕް ކޯރު އެކަމަށް އެއްބަސްވެއްޖެއެވެ.
އެ ކުއްޖާއަށް އަނިޔާ ކުރި ކަމަށް އިންޑިއާގެ އެ އަންހެން މީހާ އެއްބަސްވެފައި ވަނީ އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 2 ވަނަ ފަހަރަށް ޖެހި 15 ދުވަސް ހަމަވުމާ ގުޅިގެން ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންނެވެ.
އިއްޔެ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް އިތުރުކޮށްފައިވާއިރު، މިއީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރި 3 ވަނަ ފަހަރެވެ. ވަކީލެއް ބޭނުން ނުވާ ކަމަށް ސަންދީޕް ބުނެފައިވީ ނަމަވެސް މި މައްސަލައަށް އައްޔަނުވެފައިވާ ވަކީލު ތަނާޒުލް ފޯމް ހުށަހަޅާފައި ނުވާ ކަމަށް ކޯޓު އަމުރުގައިވެއެވެ. އަދި އެ އަޑުއެހުމަށް ވަކީލް ހާޒިރު ނުވާ ކަމަށް ވެސް އަމުރުގައިވެއެވެ.
ކޯޓު އަމުރުގައި އިތުރަށް ބުނީ 10 ދުވަހުގެ ތެރޭގައި މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭނެ ކަމަށް ފުލުހުން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ކުރާ ދައުވާ (ކުޑަ ކުއްޖަކަށް ޖިސްމާނީ އަނިޔާއެއް ކުރުން) އަކީ އޭނާ އަތުން ކުރެވުނު ކަމެއް ކަމަށާއި، އެކަމަށް މައާފަށް އެދޭ ކަމަށް ސަންދީޕް ވަނީ ބުނެފައެވެ.
މި މަހުގެ 9 ވަނަ ދުވަހު އޮތް އަޑުއެހުމުގައި ސަންދީޕް ބުނެފައި ވަނީ އޭނާ މަސައްކަތް ކުރާ ގޭގެ ފިރިހެން މީހާ އަދި އަންހެން މީހާގެ ފަރާތުން އަނިޔާ ކުރަމުންދާ ކަމަށާއި ލިބެންޖެހޭ މުސާރަ ވެސް ނުދޭ ކަމަށެވެ. އަދި އޭނާ ބަލިވެ އުޅޭ އިރުވެސް ގަދަކަމުން މަސައްކަތް ކުރުވާ ކަމަށާއި ކާން ނުލިބޭ ކަމަށެވެ.
އޭނާ ރަށަށްދާން ބޭނުންވާ ކަމަށް ބުނުމުން ދުވަހަކު ވެސް އިންޑިއާއަށް ނުފޮނުވާނެ ކަމަށް ބުނެފައިވާ ކަމަށާއި ކުއްޖާގެ ގައިގައި އަތްލާފައިވާނެ ކަމަށް އެ އަޑުއެހުމުގައި އޭނާ ބުނެފައިވެއެވެ. ސޯޝަލްމީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި މޭ މައްޗަށް އެއް އަތް ހުރަސްކޮށްގެން އޮތް އެ ކުއްޖާގެ އަތް މައްޗަށް ނަގާ ކުއްޖާގެ މޫނުމަތީގައި އެ އަންހެން މީހާ ތިން ހަތަރު ފަހަރަކު ޖަހާތަން ފެނެއެވެ.