ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް މުހައްމަދު ފަހުމީ ހަސަން އައްޔަން ކުރިތާ 4 ދުވަސް ނުވެ އޭނާ މަގާމުން ވަކިކޮށްފިއެވެ.

މިމަހުގެ 20 ވީ ހޯމަދުވަހު މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރި ފަހުމީ އެ މަގާމުން ވަކި ކުރިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 'ދަ ޕްރެސް' އަށް ޔަގީން ކޮށްދީފައި ވާއިރު ވަކިކުރި ސީދާ ސަބަބު ސާފެއް ނުވެއެވެ.

ނަމަވެސް 'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުން އޭނާ ވަކިކޮށްފައި ވަނީ އިސްތިއުފާ ދެއްވުމަށް ފުރުސަތު ދެއްވާ, އޭނާ އިސްތިއުފާ ނުދެއްވުމުނެވެ.

ފަހުމީ އަކީ ކުރިން ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ މަގާމު ފުރުއްވި ބޭފުޅެކެވެ. އޭނާ އެ މަގާމުގައި ހުންނެވި ދުވަސް ވަރު އަންހެން މުވައްޒަފަކަށް ޖިންސީ ގޮނާ ކުރެއްވި ކަމުގެ ތުހުމަތު އޭރު ކުރެވި އެކޮމިޝަނުގެ މެންބަރުކަމުން އޭނާ ވަކިކުރިއެވެ.

ކޮމިޝަންތަކަށް އައްޔަން ކުރާ މެންބަރުން ވަކިކުރެވެނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ވާއިރު އޭރު އޭނާ ވަކިކުރުމުން އެމައްސަލަ ސްޕްރީމް ކޯޓާ ހަމައަށް އުފުލި 2013 ވަނަ އެ ކޯޓުން ނިންމާފައި ވަނީ މަޖިލީހުން އޭނާ ވަކިކުރުމަށް ނިންމި ހުރިހާ އިޖުރާއަތު ތަކެއް ބާތިލް ކަމަށެވެ.

އޭގެ ދުވަސްތަކެއްގެ ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި އޭނާ ދެން ވަޑައިގަތީ މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީގެ ޑިޕިއުޓީ އެމްބެސެޑަރު ކަމުގެ މަގާމަށެވެ.

ފަހުމީގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައި އޮއްވާ, އޭނާ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރުމާއެކު ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުކިޔާފައިކަންވެސް ފާހަގަ ކޮށްލެވެއެވެ.