2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ކުރީގެ ރައީސް އަބްދުﷲ ޔާމިނަށް ކާމިޔާބު ލިބިވަޑައިނުގެން ނަމަވެސް އެމަނިކުފާނާ އެކުގައި ސިޔާސީ އިސް އެތައް ލީޑަރުންނެއް ތިބި ކަަމީ އެ މަނިކުފާނަށް އެތައް ބައެއްގެ ލޯތްބާއި އިހްތިރާމް ލިބިފައިވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު އައީ ސިފަ ކުރަމުންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ލިބިވަޑައިގަތުމާއެކު އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަ ތިލަކޮށް އެ މައްސަލައިގައި ޔާމީންގެ މައްޗަށް ދައުވާތައް އުފުލައި އެމަނިކުފާނަށް ހުކުމް ކުރި އިރު ވެސް، ފަހަތްޕުޅުގައި އެތައް ބަޔަކު ތިއްބެވި މަންޒަރު އޭރު ފެނިގެން ދިޔައެވެ.

ދުވަސްތައް މާޒީއާ އެކުވެގެން ގޮސް ފަސް އަހަަރަށް ފަހު އަނެއްކާ ވެސް ރިޔާސީ އިންތިހާބެއް ބޭއްވިގެން ދިޔަ އިރު، ރައީސް ޔާމީން ކުރިމަތިލައްވަން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އެމަނިކުފާނަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަން އެނގިވަޑައިގަތުމުން ރައީސް ޔާމީން ވަނީ ޕްލޭންތަކެއް ހުށަހަޅުއްވާފައެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާ އެކު ޕީޕީއެމް/ޕީއެންސީގެ ލީޑަރުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ

ޕްލޭންތައް ހުށަހެޅި ނަމަވެސް ކޮންމެ ވެސް ސަބަބަކާ ހުރެ ޔާމީންގެ ފަރާތްޕުޅުން އިންތިހާބު ބޮއިކޮޓް ކުރަން ވެސް ނިންމެވިއެވެ. ނަމަވެސް ޕީޕީއެމްގެ ސެނެޓުން ވަނީ އިންތިހާބުގައި ވާދަކުރަން ނިންމާފައެވެ. މި ނިންމުމުގެ ތެރޭގައި ވެސް ދެ ބަޔަކަށް އެ ޕާޓީ ބެހިގެން ދާން އުޅޭ ފަދަ މަންޒަރެއް ސިފަވި ނަމަވެސް ޔާމީންގެ ފަރާތްޕުޅުން ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު ވާދަކުރައްވަން ނިކުންނެވުމާއެކު ޕާޓީ ބައިބައިވުމުގެ އަޑުތައް ފަނޑުވިއެވެ.

ރައީސް ޔާމީނުގެ ސަޕޯޓަރުން އިހުތިޖާޖު ކުރަނީ

މުޅި ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ޔާމީނަށް ސަނާ ކިޔުމާއި، އެމަނިކުފާނަށް ހާއްސަކޮށް ހުސް ގޮނޑިކޮޅެއް ބައިންދާތަން ފެނުނެވެ. ކޮންމެ ސްޕީޗެއްގައި ޔާމީން މިނިވަން ކުރުމަށް ގަދަ އަލާ މަސައްކަތް ކުރައްވާނެ ކަމަށް ޕީއެންސީ އާއި ޕީޕީއެމްގެ އިސް ލީޑަރުން އަޑުހަރުކޮށް ވިދާޅުވަމުން ގެންދެވިއެވެ. ނަމަވެސް ވެރިކަން ލިބުމާ އެކު މުޅި މަންޒަރު ބަދަލުވެގެން ދާނެ ކަމަކަށް އެކަކުވެސް އުންމީދެއް ނުކުރެއެވެ.

މުއިއްޒުގެ ކެމްޕެއިން ގައި ރައީސް ޔާމީންގެ ނަމުގައި ގޮނޑިކޮޅެއް ހުސްކޮށް ބައިންދާފައި

މަންޒަރު ބަދަލު ވާނެ ކަމަށް ގަބޫލު ކުރަން ދަތިވެސް މެއެވެ. ރިޔާސީ އިންތިހާބު ކާމިޔާބު ވުމާ އެކު ބޭއްވި އެންމެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުއިއްޒު ގޮވާލެއްވީ ޔާމީން ގޭ ބަންދަށް ބަދަލުކޮށް ދެއްވުމަށެވެ. އެ އެދިވަޑައިގަތުމާއެކު ޖެހިގެން އައި ދުވަހު ޔާމީން ގެކޮޅަށް ބަދަލު ކުރެވުނެވެ. އެއަށް ފަހު ޔާމީން ގޭ ބަންދުން މާލެ ބަންދަށް ބަދަލު ކުރެވުނެވެ. މިއީ މުޅިން ވެސް އިންތިހާބީ ރައީސްގެ ބާރުން ހިންގަމުން ދިޔަ ކަމެއް ކަން ސަޕޯޓަރުން އައި ގަބޫލު ކުރަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

އެހެން ނަމަވެސް މުޅި ކުލަވަރު ބަދަލުވެގެން ދިޔައީ ރައީސް ޑރ. މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައި ނުގަތުމުންނެވެ. މިއީ އެތައް ބަޔަކަށް ހައިރާންކަން ލިބުނު އަދި ސުވާލު ވެސް އުފެދުނު ކަމެކެވެ. އެއަށް ފަހު ދެން ފެނިގެން ދިޔައީ، ރައީސް ޔާމީންގެ އެންމެ އަރިސް ބޭބޭފުޅުންނަށް މި ސަރުކާރުގެ އިސް މަގާމުތައް ހަމަޖެހެމުން ދިޔަ ތަނެވެ. ބައެއް ބޭފުޅުން ޕީޕީއެމުން ވަކިވެވަޑައިގަތް ވެސް މެއެވެ.

ސިޔާސީ މަގާމާއި އާރާއި ބާރު ލިބުމާއެކު ޔާމީން މިއަދު އެއްވެސް މީހަކަށް ނުވީތާއެވެ. ޔާމީންގެ ވަކީލުންގެ ޓީމުގެ އިސް ވަކީލުގެ ގޮތުގައި މަސައްކަތް ކުރައްވާ އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ރޭ ވަނީ ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގަންނަވާ ވާހަކަ އިއުލާން ކުރައްވާފައެވެ.

ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެކޮޅަށް ބަދަލު ކުރާތީ ސަޕޯޓަރުން ޔާމީންގެ ގެކޮޅު ކައިރިއަށް އެއްވެފައި / ފޮޓޯ: އައިޝަތު ޝާޒްލީން - ދަ ޕްރެސް

ޖަމީލްގެ ވާހަކައިގައި ގިނަ ކަންތައްތަކެއް ފާހަގަ ކުރެއްވިއެވެ. ރައީސް ޔާމީނަށް ސަނާ ކިޔަމުން ދިޔަ އެތައް ބަޔަކު އެމަނިކުފާނަށް ދެމުން ދިޔައީ ފެން ކައްކާ ބޮލީގެ އިއްޒަތެވެ. އެންމެ ގާތުގައި ތިއްބެވި ބޭފުޅުން އެމަނިކުފާނަށް ދިނީ ދޯކާއެވެ.

ރިޔާސީ އިންތިހާބަށް ފަހު ހައިކޯޓުގައި ބޭއްވި ޔާމީންގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުންތަކަށް ވެސް ވަދެވަޑައިގަންވާ ބޭފުޅުން ވެސް ގެއްލެން ފެށިއެވެ. ހަމައެއާއެކު މި ސަރުކާރުން ކަންކަން ކުރަމުން ދާނީ ރާއީސް ޔާމީންގެ ލަފާ އާއި އިރުޝާދުގެ މަތިން ކަމަށް ބުނެފައި ވިޔަސް އެ މަޝްވަރާ ވެސް ނުހޯއްދެވިއެވެ. ގުޅުއްވުމުން ފޯނު ވެސް ނުނެންގެވިއެވެ. މިއީ ރޭ ޖަމީލް ދެއްކެވި ވާހަކަ އެވެ.

އެންމެ ފަހުން ބޭއްވި ޝަރީއަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުޔފާނުގެ ވަކީލު ޑރ. މުހައްމަދު ޖަމީލް

އެހެންކަމުން މިހާރު ޔާމީން ނިންމަވާފައި ވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށެވެ. ޕީޕީއެމް އެއޮތީ ހައިޖެކް ކޮށްފައި ކަަމަށް ވިދާޅުވެ، ޔާމީން އެދިވަޑައިގަންނަވަނީ ހުރިހާ ސަޕޯޓަރުން ކެތްތެރިވުމަށެވެ. ޕީޕީއެމުން އެމަނިކުފާނު ދުރަށް ޖެހިވަޑައިތަަސް އެއީ ފަސޭހަ ނިންމެވުމެއް ނޫން ކަމަށާއި ނަމަވެސް އެ މަނިކުފާނުގެ ލަފާ ނުހޯއްދަވާ ތަނެއްގައި ވެރިއެއްގެ ލަގަބް ލިބިވަަޑައިގެން ހުންނެވުމުގެ ބޭނުމެއް ނެތް ތާއެވެ.

ރައީސް ޔާމީންގެ ފޮޓޯފުޅާއި ނަންފުޅު ބޭނުން ކުރައްވައިގެން ކެމްޕެއިންކޮށް ރައީސް ކަން ލިބިވަޑައިގަތުމުން ދެން ޔާމީންގެ ބޭނުމެއް ނެތީތާއެވެ. މުއިއްޒު ހުވާ ކުރެއްވިތާ ހަފްތާއެއް ނުވަނީސް ޔާމީންގެ މި ނިންމެވުމުން ވަރަށް ގިނަ ވާހަކަތައް ދޭހަވެއްޖެއެވެ. ރައީސްކަން ލިބިވަޑައިގަތުމުން ދެން ކުރީގެ ރައީސްގެ ބޭނުމެއް ނެތީތާއެވެ.