ދިވެހީންނަށް ލިބިދޭ މަދަނީ ހައްގުތަށް ލިބޭތޯ ކަށަވަރުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި މަދަނީ ހައްގުތަކާ ބެހޭ އިދާރާ އަށް ޝަކުވާ ހުށަހެޅޭނެ އިންތިޒާމު މިއަދު ހަމަޖައްސައިފިއެވެ.

މިދިޔަ ހުކުރު ދުވަހު ހުވާކުރެއްވުމަށް ފަހު އުފެއްދި މަދަނީ ހައްގުތަކާ ބެހޭ އިދާރާ އަށް ޝަކުވާ ހުށަހެޅުމަށް އުސޫލެއް އެކުލަވާލާފައިވެއެވެ. އެ އުސޫލުގައިވާ ގޮތުން، މަދަނީ ހައްގުތައް ލިބިދިނުމުގައި ތަފާތުކުރާނަމަ، ނުވަތަ މަދަނީ ހައްގުތައް ނުދީ ހިފަހައްޓާނަމަ ޝަކުވާ ހުށަހެޅޭނެއެވެ.

އުސޫލުގައިވާ ގޮތުން، މަދަނީ ހައްގުތަކުގެ ތެރެއިން ހައްގެއް ގެއްލިފައިވާ ފަރާތަކުން އެ ފަރާތެއްގެ އަމިއްލަ ނަމުގައި، ނުވަތަ އަމިއްލަ އަށް ޝަކުވާ ހުށަނޭޅޭނެ ނަމަ، އެ ފަރާތެއްގެ މަސްލަހަތު ހިމާޔަތްކޮށްދެވޭނެ ފަރާތެއް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެއެވެ.

ހަމަ އެއާއެކު، އެ އުސޫލުގައި ބުނެފައިވާ ގޮތުން، މަދަނީ ހައްގުތަކާ ބެހޭ އިދާރާ އަށް އީމެއިލް މެދުވެރިކޮށް ނުވަތަ ސީދާ އެ އިދާރާ އަށް ޝަކުވާ ހުށަހެޅޭނީ އެކަމަށް ހާއްސަ ފޯމު މެދުވެރިކޮށް، ފޯމާ އެކު ހުށަހަޅަން ޖެހޭ ލިޔެކިއުންތައް ފުރިހަމަކުރުމަށްފަހުގައެވެ.

އަދި ޝަކުވާ ހުށަހެޅުމުން ކަމާބެހޭ އިދާރާތަކުން 14 ދުވަހުގެ ތެރޭ ޝަކުވާ ހުށަހެޅި ފަރާތުގެ ކިބައިން މައުލޫމާތު ހޯދައި، 30 ދުވަހުގެ ތެރޭ މަދަނީ ހައްގުތަކާ ބެހޭ އިދާރާ އިން ނިންމާ ނިންމުން ޝަކުވާ ހުށަހެޅި ފަރާތަށް އަންގަން ވާނެ ކަމަށް ވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މަދަނީ ހައްގުތަކާ ބެހޭ އިދާރާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ މަދަނީ ހައްގުތައް ލިބޭކަން ކަށަވަރުކުރުމާއި މަދަނީ ހައްގުތައް ދިނުމުގައި ގެންގުޅޭ ތަފާތުކުރުންތަކުގެ މައްސަލަތަކާއި އެ ހައްގުތައް ހިފަހައްޓާތީ ކަމަށް ބުނެ ހުށަހަޅާ މައްސަލަތައް ބެލުމެވެ.