ރާއްޖޭގެ އިގްތިސޯދަށް އަވަސް ހައްލުތަކެއް އަންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސަޢީދު މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާއާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ރާއްޖެއިން ނިންމުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުމާއެކު ގެންދަވަނީ ރާއްޖޭގެ އިގްތިސޯދަށް ހެޔޮ އަދި އަވަސް ބަދަލުތަކެއް ގެނައުމަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ކަމަށެވެ. އަދި އެކަމަށް އަވަސް ހައްލުތަކެއް ފެންނާނެ ކަމަށް ވެސް ސައީދު ފާހަގަކުރެއްވިއެވެ.
ރާއްޖެއާ އެކު ވިޔަފާރީގެ ގުޅުން ގާއިމު ކުރުމަށް ސައުދީން ނިންމީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގެ މައުލޫމާތު ހާމަކުރަމުން، ސައުދީ އަރަބިއްޔާގެ ގައުމީ ނިއުސް އޭޖެންސީ "ވާސް" އިން ބުނީ، ވިޔަފާރީގެ މި އެއްބަސްވުމުގެ ފަހުމުނާމާގައި ސޮއިކުރުމުގެ މަޝްވަރާތައް ދިވެހިރާއްޖޭގެ އިކޮނޮމިކް ޑިވޮލޮޕްމަންޓް މިނިސްޓްރީއާއެކު ކުރިއަށް ގެންދަވާނީ ސައުދީގެ އިކޮނޮމިކް މިނިސްޓަރު އަދި ފޮރިން އިންވެސްޓްމަންޓް އޮތޯރިޓީގެ ޗެއާމަން ކަމަށެވެ.
ރަސްގެފާނު ރިޔާސަތު ބެލެހެއްޓެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވެސް ބައިވެރިވެވަޑައިގަތް ކަމަށާއި މި ބައްދަލުވުމުގައި މުހިންމު 15 ނިންމެވުމެއް ނިންމަވާފައިވާ ކަމަށް ވެސް ސައުދީ އަރަބިއްޔާގެ ގައުމީ ނިއުސް އޭޖެންސީ "ވާސް" އިން ވަނީ ބުނެފައެވެ.
ސައުދީއާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ރާއްޖެއިން ނިންމާފައި ވާއިރު އިގްތިސޯދު ތަރައްގީ ކުރެވެން ހުރި ދާއިރާތަކުން، ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސައުދީ އަރަބިއްޔާއާގެ ވަފުދަކާ މިމަހު 18 ވަަނަ ދުވަހު ވަނީ މަޝްވަރާ ކުރައްވާފައެވެ.
ސައުދީ އަރަބިއްޔާ އަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ދެ ގައުމުގެ އަހުވަންތަ ގުޅުމުގެ އަގު ވަޒަންކުރައްވާ ކަމަށާއި، މި ސަރުކާރަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އަބަދުވެސް މަސައްކަތް ކުރާނެ ސަރުކާރެއް ކަމަށެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒާއި ސައުދީ މިނިސްޓަރު ފައިސަލް ވަނީ، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. ހާއްސަ ގޮތެއްގައި ވިޔަފާރީގެ ދާއިރާއާއި، އިންވެސްޓްމަންޓް އަދި އިގްތިސޯދީ ދާއިރާ ފަދަ އިގްތިސޯދު ތަރައްގީ ކުރެވެން ހުރި ދާއިރާތަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.