ރައީސް އަބްދުﷲ ޔާމީން އަދި ޕީޕީއެމްގެ ދިފާއުގައި ކުރާ މަސައްކަތްކަތުގައި އެންމެ އިންޗިއެއް ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައި ވަނީ ޕީޕީއެމްގެ އުސޫލުތަކާ ހިލާފުވެފައިވާތީ އޭނާ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށް އެ މައްސަލަ ބެލުމަށް ޕާޓީގެ ސުލޫކީ ކޮމިޓީއަށް ފޮނުވާފައިވުމާ ގުޅިގެންނެވެ.
މަލީހު ވިދާޅުވީ ރައީސް ޔާމީންއާއި ޕީޕީއެމްގެ ދިފާއުގައި ކުރާ މަސައްކަތުގައި އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި ވަޒީފާގެ އަޅުންނަށްވެ، ޕާޓީގެ މަސްލަހަތު ނަގާލާ ވަޒީފާގެ ބިރަށް ސިޓީގައި ސޮއެކުރާ ފިނޑިން ކުރިމަތީ ބޯތިރި ނުކުރައްވާނެ ކަމަށެވެ. އަދި އެއީ "ވަކަރަށް ޖަހާލުމެއް" ކަމަށެވެ.
ޕީޕީއެމްގެ ކޮންގްރެސް އިން ފާސްކޮށް އެ ޕާޓީ ހިންގުމުގެ ގަވައިދެއް ކަނޑައަޅާފައި ވަނިކޮށް، އޭގެ ބޭރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަގުތީ ކޮމިޓީއެއް އެކުލަވައިލެއްވި މައްސަލައިގައި އެ ޕާޓީގެ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
ޕީޕީއެމްގެ އުސޫލުތަކާ ހިލާފުވެފައިވާތީ މަލީހުއާމެދު ފިޔަވަޅު އެޅިކަން އަންގާ ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ފޮނުއްވި ސިޓީގައި ވިދާޅުވީ ޕާޓީގެ އުސޫލުތަކާ ހިލާފަށް ވަކި ކޮމިޓީތަކެއް ނުހެދޭނެ ކަމަށެވެ. އަދި އެކަމުގައި ލީޑާޝިޕުން ފިޔަވަޅު އަޅާނެކަމަށް ޝީޔާމު ވިދާޅުވިއެވެ.
މީގެ އިތުރުން ޝިޔާމް ވިދާޅުވީ ޕާޓީގެ ސެންޓަރެއްގެ މަގާމުގައި ހުންނަވައިގެން ޕާޓީ ބަދުނާމުކޮށް ޕާޓީ ބައިބައިވާ ގޮތަށް މަލީހު އިސްކޮށް ހުންނަވައިގެން މަސައްކަތް ކުރައްވަމުން ގެންދާ ކަން ޕީޕީއެމްގެ ލީޑާޝިޕަށް ފާހަގަކުރެވިފައިވާ ކަމަށެެވެ. މި ގޮތުން ޕަޓީގެ ލީޑާޝިޕަށް އަދި ސެނެޓަށް އެންގުމެއް އަދި މަޝްވަރާކުރުމެއް ނެތި އަމިއްށް ކޮމިޓީއެއް އުފައްދާ ޕާޓީގެ ނަމުގައި ޕްރެސް ކޮންފަރެންސެއް ބާއްވާ އެ ޕްރެސް ކޮންފަރެންސް ލީޑުކޮށް ޕާޓީގެ އަސާސުތަކާ މަލީހު ހިލާފުވެފައިވާ ކަމަށް ޝިޔާމު ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ޕާޓީގެ އަސާސީ ގަވައިދުގެ 8 ވަނަ މާއްދާގެ ދަށުން ޕާޓީގެ ލީޑާޝިޕަށް ލިބިގެންވާ ބާރުގެ ދަށުން މަލީހު އާއި މެދު ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށާ ޕާޓީގެ ސުލޫކީ ކޮމިޓީއިން ގޮތެއް ނިންމަން ދެން އެއްވެސް ކަމެއްގައި ބައިވެރިނުވުމަށް މަލީހަށް ވަނީ އަންގާފައެވެ.