އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްއިން 2021ވަނަ އަހަރުގެ ސާޕްލަސް ބެހުމަށް ކަނޑައަޅާ، ސާޕްލަސް ލިބުމަށް ޝަރުތު ހަމަވާ ބައިވެރިން އެކަމަށް އެދި ހުށަޅައެޅުމަށް ހުޅުވާލައިފިއެވެ.

އެލައިޑް އިންޝުއަރަންސް އިން ބުނީ ތަކާފުލް ފަންޑުގެ ޖުމްލަ ފައިދާއަށް ބެލުމަށްފަހު، 2021 ވަނަ އަހަރުގެ ސާޕްލަސް ބަހަން އެލައިޑް އިންޝުއަރަންގެ ބޯޑުން ނިންމާފައިވާކަމަށެވެ.

އަޔާދީ ތަކާފުލްއިން ބުނީ ސާޕްލަސްއަށް އެދި ހުށައަޅަންޖެހޭ ސުންގަޑިއަކީ 21 ޖަނަވަރީ 2024 ގެ، 16:00 ގެ ކުރިންކަމަށެވެ. އަދި ފޯމު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް ފޯމު އަޔާދީ ތަކާފުލްގެ ވެބްސައިޓުންނާ ކަސްޓަމާ ފްރަންޓު އޮފީހުން ލިބެން ހުންނާނެކަމަށެވެ. އަދި ފޯމް ހުށައަޅަން ބޭނުންވާ ފަރާތްތަކުން އޮންލައިން ޕޯޓަލް "މައިއެލައިޑް" މެދުވެރިކޮށްވެސް ސާޕްލަސްއަށް އެދެވިދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ސާޕްލަސް ބެހުމަކީ ކޮބާ؟

އަޔާދީ ތަކާފުލްއިން ފޯރުކޮށްދޭ ޖެނެރަލް ތަކާފުލް ބިނާވެގެންވަނީ ޝަރީއާ ހުއްދަކުރާ މުއާމަލާތެއްކަމުގައިވާ "ވަކާލާ" މޮޑެލްގެ މައްޗަށް ބިނާކޮށެވެ. މި މޮޑެލްގައި، ބައިވެރިވާ ފަރާތްތައް ތަކާފުލް ޕްލޭންގައި ބައިވެރިވުމަށްޓަކައި ދައްކާ ކޮންޓްރިބިއުޝަން އަޔާދީ ތަކާފުލް އަށް ދައްކަނީ، ވަކީލެއްގެ ހައިސިއްޔަތުން އެ ފައިސާގެ ތެރެއިން ވަކާލާ ފީ އުނިކުރުމަށްފަހު، ބާކީ އޮންނަ އަދަދު "ބައިވެރިންގެ ފަންޑު" ގައި ބަހައްޓާ ބަލަހައްޓައިދިނުމަށް އެއްބަސްވެގެންނެވެ.

މިގޮތުން، ވަކީލެއްގެ ހައިސިއްޔަތުން އަޔާދީ ތަކާފުލްއިން ނަގާ ވަކާލާ ފީ ހުންނާނީ އަޔާދީ ތަކާފުލްގެ "ތަކާފުލް އޮޕަރޭޓަ" ފަންޑުގައި އަދި އެފަންޑުން ހޭދަކުރާނީ އަޔާދީ ތަކާފުލް ހިންގުމުގެ ގޮތުން ކުރަންޖެހޭ ހަރަދުތައް ކުރުމަށެވެ. އަދި ބައިވެރިންނަށް ލިބޭ އެކި ގެއްލުންތަކަށް ބަދަލުދެވިގެން ދާނީ ބައިވެރިންގެ ފަންޑުގައި ހުންނަ ފައިސާއިންނެވެ.

ސާޕްލަސްއަކީ ތަކާފުލްގައި ބައިވެރިވުމަށް ކަސްޓަމަރުން ކޮންޓްރިބިއުޝަން ގޮތުގައިދޭ ފައިސާ ޖަމާކޮށް، ގާއިމްކުރާ "ބައިވެރިންގެ ފަންޑު/ތަކާފުލް ފަންޑު" އިން ސީދާ ތަކާފުލްއާއި ގުޅޭ ހަރަދުތަކުގެ ގޮތުގައި ބެލެވޭ (ގެއްލުމުގެ ބަދަލު ދިނުމާއި ރީ-ތަކާފުލް ކުރުން ފަދަ ހަރަދުތައް) އުނިކުރުމަށްފަހު، ބާކީ ފައިސާ، ބައިވެރިންގެ ރިސްކް ފަންޑްގެ ގޮތުގައި އިންވެސްޓްކޮށްގެން އަހަރު ނިމޭއިރު ފަންޑުގައި އިތުރަށް ހުންނަ ފައިސާއަށް ކިޔާ ނަމެވެ. މިފައިސާ އަށް "ބައިވެރިންގެ ފަންޑުގެ ފައިދާ" އޭވެސް ކިޔައެވެ.

މިގޮތުން، އާންމު އުސޫލުން ސާޕްލަސް ލިބުމަށް ޝަރުތު ހަމަވާނީ، ސާޕްލަސް ދިނުމަށް ކަނޑައަޅާފައިވާ ހިދުމަތްތަކުގެ ތެރެއިން ހިދުމަތެއް ނަންގަވައި، ސާޕްލަސް ދިނުމަށް ކަނޑައަޅާ މުއްދަތު 2021 ވަނަ އަހަރުގައި ބަދަލަށް އެދި ހުށައަޅާފައި ނުވާ ފަރާތްތަކެވެ.

އެގޮތުން ސާޕްލަސްގެ ގޮތުގައި ކަނޑައެޅޭ ފައިސާއަށް އެދި އެކަމަށް ޝަރުތުހަމަވާ ފަރާތްތަކުން ހުށައެޅުމުން އެފައިސާ ޖަމާކުރެވޭނީ އަޔާދީ ތަކާފުލްއަށް ހިއްސާކޮށްފައިވާ އެފަރާތެއްގެ ބޭންކު އެކައުންޓަށެވެ. މިގޮތުން، އަމިއްލަ ފަރާތްތަކުގެ ބޭންކު އެކައުންޓް ވެރިފައިކުރުމަށް އަދި ސާޕްލަސް ލިބޭ ބައިވެރިއެއްކަން ޔަގީންކުރުމަށް އެލައިޑް ވެބް ޕޯޓަލް، (މައިއެލައިޑް)ގެ "ޗެކް ސާޕްލަސް އެލިޖިބިލިޓީ" ޓެބުން ނުވަތަ އެލައިޑް މޯބައިލް އެޕް އަދި ކަސްޓަމާ ފްރަންޓު އޮފީހުން ލިބެން ހުންނާނެކަމަށެވެ. އަދި ކަސްޓަމާކެއާ ނަންބަރު 1600 އަށް ގުޅައިގެން ވެސް މައުލޫމާތު ސާފުކުރެވޭނެއެވެ.

ސާޕްލަސް ފައިސާ ޖަމާކުރުމަށް މިހާރު ހިއްސާކޮށްފައިވާ އެކައުންޓް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން އެންމެ ބައިވެރިއެއްގެ ގޮތުގައި ނަގައިފައިވާ ސެޓްފިކެޓްތަކުގެ ވެރިފަރާތްތަކަށް މައިއެލައިޑް ވެބް ޕޯޓަލް އަދި އެލައިޑް މޯބައިލް އެޕް އިން އެ މައުލޫމާތުތައް ބަދަލުކުރެއްވޭނެއެވެ.

އަޔާދީ ތަކާފުލްގެ 2021 ވަނަ އަހަރުގެ ސާޕްލަސްއަށް ޝަރުތު ހަމަވާ ކަސްޓަމަރުންގެ ތެރެއިން އެކަމަށް އެދި ހުށަނާޅާ ފަރާތްތަކުން ކަނޑައެޅިފައިވާ ފައިސާ، ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ބައިވެރިންގެ ފަންޑަށް އަނބުރާ ރައްދުކުރެވޭނެއެވެ.