ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ ދަފުތަރަށް ޝަކުވާ ހުށަހެޅުމަށް ބާ ކައުންސިލުން ހުޅުވާލައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނީ ވަކީލުން ތަމްސީލް ކުރައްވާ މެންބަރެއްގެ ގޮތުގައި ހުންނެވި އަބްދުލް މާނިއު ހުސައިން އިސްތިއުފާ ދެއްވުމާ ގުޅިގެން ޑިސެމްބަރު 7 ވަނަ ދުވަހު އެ ކޮމިޝަނަށް ގާނޫނީ ވަކީލަކު އައްޔަންކުރުމަށް އިންތިހާބެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވަނީ، ދިވެހިރާއްޖޭގެ ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމުގައިވާ އިރު ވަކީލުންގެ ދަފްތަރު ވަނީ ބާ ކައުންސިލްގެ ވެބްސައިޓުގައި އާންމުކޮށްފައެވެ.

ދަފްތަރުގައި ހިމެނޭ ގާނޫނީ ވަކީލުން ޝަކުވާ ހުށަހެޅުމަށް، ހުޅުވާލާފައިވަނީ މިމަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ 15:00 އަށެވެ.

ގާނޫނީ ވަކީލުންގެ ރެޖިސްޓްރީއެއް ނުވަތަ ދަފްތަރެއް ތައްޔާރުކުރުމަކީ 2019 ވަނަ އަހަރު ތަސްދީގުކުރި ގާނޫނީ ފަންނުގެ ގާނޫނުން ބާ ކައުންސިލްގެ މައްޗަށް ލާޒިމުކުރާ ކަމެކެވެ. ރާއްޖޭގައި މަސައްކަތްކުރާ ގާނޫނީ ވަކީލުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ބާ ކައުންސިލުން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައެވެ.