ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ހުސްވެފައިވާ މަގާމަށް ގާނޫނީ ވަކީލުންގެ ތެރެއިން މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބު އަންނަ މަހުގެ 7 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ޖޭއެސްސީއަށް ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރެވޭ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ ބާ ކައުންސިލަށެވެ.

ބާ ކައުންސިލުން ބުނީ މިއަދުން ފެށިގެން އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް އެ ކައުންސިލްއިން ފޯމް ބަލައިގަންނާނެ ކަމަށެވެ.

ޖޭއެސްސީއަށް ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބުކުރެވޭ މެންބަރުގެ މަގާމަށް ކުރިމަތިލާ މެންބަރުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް:

  • މުސްލިމަކު ކަމުގައިވުން
  • ދިވެހި ރައްޔިތަކު ކަމުގައިވުން އަދި ބޭރު ގައުމެއްގެ ރައްޔިތެއްކަމުގައި ނުވުން
  • އުމުރުން 30 އަހަރު ވެފައިވުން
  • އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން
  • ސިޔާސީ ޕާޓީއެއްގެ މެންބަރު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން
  • ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން.

ޖޭއެސްސީއަށް ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް ބާއްވާ އިންތިހާބަށް ކުރިމަތިލުމަށް އެދޭފަރާތްތަކުން، އިންތިހާބަށް ކުރިމަތިލުމަށް އެދޭއިރު، އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމް، އެމީހަކު އެ އިންތިހާބުގައި ހާއްސަ ލޯގޯ ނުވަތަ ނިޝާނެއް ބޭނުންކުރުމަށް ގަސްދުކުރާނަމަ އެ ނިޝާން ނުވަތަ ލޯގޯ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފުރިހަމަކޮށްފައިވާ ދަރަނީގެ ރެކޯޑާއި ކުށުގެ ރެކޯޑު ސާފުކޮށްފައިވާ ފޯމު، އިންތިހާބަށް ކުރިމަތިލާމީހާގެ ޕާސްޕޯޓް ސައިޒްގެ ކުލަ ފޮޓޯގެ އިތުރުން އިންތިހާބަށް ކުރިމަތިލާ މީހާގެ މަންދޫބުންގެ ގޮތުގައި އައްޔަނު ކުރާ މީހުންގެ މައުލޫމާތު ޝީޓު އަދި އިދާރީ ފީގެ ގޮތުގައި ދައްކަންޖެހޭ 5,000 ރުފިޔާ ދައްކަން ޖެހޭނެއެވެ.

މި އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ބާ ކައުންސިލްގެ ވެބްސައިޓްއިން ޑައުންލޯޑު ކުރެވޭނެ ކަމަށް ބާ ކައުންސިލުން ވަނީ ބުނެފައެވެ.

ޖޭއެސްސީގެ މެންބަރުގެ މަގާމު ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ހއ. އިހަވަންދޫ، އަންބަރީގެ، އަބްދުލްމާނިއު ހުސައިން މި މަހުގެ 14 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.