މޫސުމަށް ސަމާލުވުމަށް އަންގައި ހއ. އަތޮޅުން ފެށިގެން ނ. އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 9:05 އިން ފެށިގެން މެންދުރު 12:00 އާ ދެމެދުގެ ވަގުތަށެވެ.

އެ ސަރަހައްދުގެ ރަށްރަށަށް ޔެލޯ އެލާޓް ނެރެފައިވާ އިރު، ބޯކޮށް ވާރޭވެހި ބާރަށް ގުގުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި އާންމު ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވާއިރު ކަނޑު ދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލު ކަމެއް ދިނުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 14:30 އަށް ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. އަދި އެސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

ރީނދޫ ސަމާލަކީ މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ކާރިސާއަކަށް ކަމާބެހޭ ފަރާތްތަކާއި އާއްމު ރައްޔިތުން ސަމާލުވެ ތިބުމަށްޓަކައި ނެރޭ ސަމާލެކެވެ. މި ސަމާލު ނެރޭ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވާ، ކަނޑުދަތުރު ފަތުރު ނުކުރުމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރެއެވެ.