ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ފިއުލް ހައިޑްރަންޓް ސިސްޓަމް ޓެސްޓު ކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފިއެވެ.

އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، މިހާރު ކުރިއަށްދާ އާ ފިއުލް ފާމް މަޝްރޫއުގެ ދަށުން، ފިއުލް ހައިޑްރަންޓް ސިސްޓަމް ޓެސްޓްކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައިވީ ނަމަވެސް އިތުރު ފިޔަފަހިތައް ކުރިއަށް ދާނެ ކަމަށާއި އެ ސިސްޓަން ބޭނުން ކުރަން ފެށޭނީ އަންނަ އަހަރުގެ ކުރީ ކޮޅު ކަމަށެވެ.

މިހާރު މަތިންދާބޯޓު ތަކަށް ތެޔޮ އަޅަނީ ފިއުލް ފާމުން ތެޔޮ ބައުޒަރުތަކަށް ތެޔޮ އަޅައިގެން ނަމަވެސް ރަންވޭގެ އަޑިން ހޮޅިތަކެއް މެދުވެރިކޮށް އެޅި މި ހައިޑްރަންޓް ނެޓްވޯކް ބޭނުން ކުރަން ފެށުމުން ތެޔޮ އެޅުމަށް ހޭދަވާ ވަގުތު ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

މިވަގުތު އެއާޕޯޓުގެ ފިއުލް ފާމް ކެޕޭސިޓީއަކީ އެންމެ 15 މިލިއަން ލީޓަރެވެ. އާ ފިއުލް ޓޭންކުތަކާ އެކު، ފިއުލް ފާމް ކެޕޭސިޓީ 60 މިލިއަން ލީޓަރަށް އިތުރުވާނެ އެވެ. އެގޮތުން ކުރިން ގަޑިއެއްހާއިރު ތެޔޮ އެޅުނު ނަމަވެސް ސިސްޓަމް ހިދުމަތް ފެށީމަ 15 މިނެޓުން ތެޔޮ އަޅާލެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

އަލަށް ގާއިމް ކުރާ ފިއުލް ފާމް ގައި ތެޔޮ ރައްކާކުރަން ތިން ޓޭންކް ހުންނާނެ އެވެ. އެ ޓޭންކް ތަކުގައި 45 މިލިއަން ލީޓަރުގެ ޖެޓް އޭ ފިއުލްގެ އިތުރުން 1 މިލިއަން ލީޓަރުގެ ޑީސަލް އަދި 0.1 މިލިއަން ލީޓަރުގެ ޕެޓްރޯލް ރައްކާ ކުރެވޭނެ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.