ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް މ. ރަނިކަ، އިބްރާހީމް އަބްދުއްރައްޒާގް ހަލީމް އައްޔަން ކުރައްވައިފިއެވެ.

ހަލީމަކީ، ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އެމްޕީއެލް އާއި އެމްޓީސީސީ އާއި އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދާ ކުރެއްވި ބޭފުޅެކެވެ. ރައީސް އޮފީހުން ބުނީ، ހަލީމަށް އެ ހޮސްޕިތާލްގެ ސީއީއޯގެ މަގާމް ހަމަޖައްސަވާފައި ވަނީ މިނިސްޓަރު ފެންވަރުގައި ކަމަށެވެ.

މީގެ އިތުރުން ރައީސް މުއިއްޒު މިއަދު ވަނީ ދަރުމަވަންތަ ހޮސްޕިޓަލް، އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލް ހިންގާ "މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް"ގެ ނަން "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑް" އަށް ބަދަލު ކޮށްފައެވެ.

މި ބަދަލާ އެކު، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑަކީ، ރައީސްގެ އިރުޝާދުގެ ދަށުން ހިންގާ އަދި އެމަނިކުފާނަށް ޖަވާބުދާރީ ވާނެ ތަނެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ބޯޑު އިދާރީ ގޮތުން ހިންގަމުން ދާނީ ހެލްތު މިނިސްޓްރީގެ ދަށުން ކަމަށާއި ބޯޑު އަލުން އެކުލަވާލަން ވެސް ރައީސް މިއަދު ވަނީ ނިންމަވާފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.