ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގެއްލުމުގެ ބަދަލު ދިނުމަށް އުފައްދާފައިވާ ސެޓްލްމަންޓް ކޮމެޓީ ރައީސުލްޖުމްހޫރިއްޔާ މިއަދު އުވާލައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، "ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު"ގެ ނަމުގައި ނޮވެމްބަރު 28، 2022 ން ފެށިގެން އަމަލުކުރަމުން ގެންދަނީ، ގާނޫނީ އޮނިގަނޑެއްނެތި އަދި ގާނޫނީ ބާރެއްނެތި އެކުލަވާލާފައިވާ އުސޫލަކަށް ކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދެއްވާފައިވާ ކަމަށެވެ.
މި އުސޫލުގެ ދަށުން މައްސަލަތައް ހައްލުކުރުމުގެ ނަމުގައި އެކި ފަރާތްތަކަށް މާލީ ބަދަލުތައް ދިނުން ފަދަ ކަންކަން ދައުލަތުގެ ބަންޑާރަ ނާއިބުގެ އޮފީހުގެ އެއްވެސް ބައިވެރިވުމެއް ނެތި، އަދި އެއްވެސް ލަފައެއްވެސް ނެތި ކުރިއަށް ގެންދިޔައީ، ގާނޫނުއަސާސީގެ 133 ވަނަ މާއްދާގެ (ނ) އާ ހިލާފަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ބުނީ،، ޝަރުއީ މަރުހަލާގައި މައްސަލަ ކުރިއަށް ދަނިކޮށް، ބަންޑާރަ ނާއިބު އޮފީހުގެ އެއްވެސް ލަފައެއް ހޯދުމެއް ނެތި، ކޯޓުން ބޭރުގައި މި ދެންނެވި އުސޫލުގެ ދަށުން ހައްލުކޮށްފައިވާ 5 މައްސަލައެއް ފާހަގަކޮށް، މި މައްސަލަތައް ކޯޓުން ބޭރުގައި ނިންމާފައިވަނީ، ބަންޑާރަ ނާއިބުގެ ފަރާތުން ޝަރުއީ މަރުހަލާގައި ފާހަގަކުރި ނުކުތާތަކަށް ވެސް ރިއާޔަތްނުކޮށް އަދި އެ މައްސަލަތަކުގައި ދިނުމަށް ފެންނަ ބަދަލާ ގުޅޭގޮތުން އޮޑިޓާ ޖެނެރަލް ދެއްވާފައިވާ ރައުޔާ ވެސް ހިލާފަށް ކަމަށެވެ.
އަދި މި އުސޫލަކީ އެއްވެސް އިންސާފެއް ހަމަހަމަކަމެއް ނެތި، ތައައްސުފީކޮށް އަމަލުކުރުމަށް މަގުފަހިވާ އުސޫލެއްކަމަށާ، މި އުސޫލު ގަނޫނުއަސާސީގެ 271 ވަނަ މާއްދާއާ ހިލާފުކަމަށްވެސް ބަންޑާރަ ނާއިބު ދެއްވި ލަފާގައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް އޮފީހުން ބުނީ، ސެޓްލްމަންޓް ކޮމެޓީ މިއަދު އުވާލިއިރު، އެ ކޮމިޓީން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 225 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދިނުމަށް ނޮވެމްބަރު 17، 2023 ގެ ކުރީން ނިންމައިފައިވާ ކަމަށެވެ. އަދި ފައިސާގެ އިތުރުން ދޭން ކަނޑައެޅި ހަރުމުދަލާ ރަށްރަށާ ފަޅުފަޅު ފަދަ ތަންތަން އަގުމަގުކުރުމުން، އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި 1 ބިލިއަން ރުފިޔާގެ އަގުހުރި ހަރުމުދަލާއި ފައިސާ ދައުލަތުގެ މިލްކިއްޔާތުގެ ތެރެއިން ދޭން އެ ކޮމެޓީއިން ނިންމާފައިވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ރައީސް އޮފީހުން ބުނެއެވެ.