ތިނަދޫ އިސްލާމިކް ސެންޓަރު 10 އަހަރުގެ މުއްދަތަށް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާ ހަވާލު ކޮށްފިއެވެ.

ތިނަދޫ އިސްލާމިކް ސެންޓަރު އައިޔޫއެމްއަށް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ކޯސްތައް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި ފެށުމުގެ ފުރުސަތު ފަހިވެގެން ދިއުމަކީ އުފާވެރި ކަމެއް ކަމުގައެވެ.

އިސްލާމިކް ޔުނިވާސިޓީގެ މަސައްކަތްތައް ފުޅާ ކުރުމާއި، އެ ޔުނިވާސިޓީގެ ކަންތައްތައް ހަރުދަނާ ކުރުމުގެ އިތުރުން އައިޔޫއެމްއަށް އާ އިމާރާތެއް ހޯދުމުގެ މަސައްކަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ކަންތައްތަކެއްކަން ފާހަގަކުރައްވާ ޝަހީމް ވިދާޅުވީ، ރައީސް މުއިއްޒުގެ ފުރިހަމަ ތަސައްވުރެއް އައިޔޫއެމްއާމެދު އެބައޮތް ކަމަށެވެ.

އެގޮތުން ތިނަދޫ އިސްލާމިކް ސެންޓަރު އައިޔޫއެމްއަށް ހާވާލުކޮށްފައި ވަނީ ވެސް ރައީސް މުއިއްޒުގެ އިރުޝާދާ އެއްގޮތަށް ކަމަށާއި އިސްލާމިކް ޔުނިވާސިޓީ ގޮތްޕެއް ނުވަތަ އެ ޔުނިވާސިޓީގެ ކޯސްތައް ދެކުނުގެ އަތޮޅުތަކުގައި ފަށައި ރަނގަޅު ގޮތުގައި ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ ތިނަދޫއަކީ ހުވަދު އަތޮޅުގެ މަރުކަޒީ ރަށެއް ކަމުގައިވުމުން އެ ރަށުގައި އައިޔޫއެމްގެ ކޯސްތައް ފެށުމާއެކު އެ ސަރަހައްދުގެ ރައްޔިތުންނަށް އިސްލާމީ އިލްމު އުގެނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އައިޔޫއެމްގެ މަރުކަޒެއް ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ހުރުމަކީ މުހިންމު ކަމެއް ކަމަށާއި އައިޔޫމްގެ ކޯސްތަކުގެ ފަލްސަފާ އަދި މަންހަޖަކީ ދިވެހިރާއްޖޭގައ އިސްލާމީ އިލްމު ފެތުރުމާއި، އިސްލާމީ ނޫރު އަދި ހިދާޔަތު ދެމެހެއްޓުން ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

މީގެއިތުރުން އައިޔޫއެމްއާއެކު މަސައްކަތް ކުރައްވާ ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި އިސްލާމީ ތައުލީމު މުޅި ރާއްޖެއަށް ފުޅާ ކުރައްވާނެ ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ. އައިޔޫއެމްގެ ތައުލީމު ފުޅާ ކުރުމަށް އުނގޫފާރު، ހިތަދޫ، ދިއްދޫ އަދި ފުވައްމުލަކު ސިޓީގައި އެ ޔުނިވާސިޓީގެ ކެމްޕަސްތައް ގާއިމް ކުރައްވާނެކަން ޝަހީމް ފާހަގަ ކުރެއްވިއެވެ.