ޗައިނާގެ ޒިޒަންގް އޮޓޮނޮމަސް ސަރަހައްދުން ރާއްޖެއަށް 1،500 ޓަނުގެ ގްލޭޝިއަލް ފެންފުޅި ފޯރުކޮށްދޭން ނިންމައިފިއެވެ.

ރައިސް ޑރ. މުއިއްޒުގެ އަރިހަށް ޗައިނާގެ ޒިޒަން އޮޓޮނޮމަސް ރީޖަންގެ ޗެއާމަން އޮނަރަބަލް ޔާން ޖިންހައި އާއި ވަފުދެއް މިއަދު އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާފައި ވާއިރު ރައީސް އޮފީހުން ބުނީ، ޒިޒަންގް އޮޓޮނޮމަސް ސަރަހައްދާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފެށުމާއި، ފަތުރުވެރިކަން ފުޅާކުރެވޭނެ ގޮތްތައް ހޯއްދެވުމާއި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މި ޒިޔާރަތުގައި މަޝްވަރާކުރެއްވި ކަމަށެވެ.

މީގެ އިތުރުން ސަގާފީ ގޮތުން އެއްގޮތް ކަންތައްތަކާއި މޫސުމަށް އަންނަ ބަދަލުތަކާއި ގޮންޖެހުންތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެއެވެ.

ރައީސް އޮފީހުން ބުނީ، ޗެއާމަން ޔާންގެ ވާހަކަގައި ޒިޒަންގް އޮޓޮނޮމަސް ރީޖަންގެ ސަގާފަތާއި ޖިއޮގްރަފީ އާއި ތަފާތު މާހައުލު ހިމެނޭ ގޮތަށް އެސަރަހައްދުގެ އެކި ކަންކަމާ ބެހޭ މައުލޫމާތު ރައީސްއާ ހިއްސާކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖެއަށް ސާފު ފެނުގެ ބޭނުންތެރިކަން ފާހަގަކުރައްވާ، ޒިޒަންގް އޮޓޮނޮމަސް ސަރަހައްދުން 1،500 ޓަނުގެ ގްލޭޝިއަލް ފެންފުޅި ފޯރުކޮށްދިނުމަށް ހުށަހަޅުއްވާއިވާ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ރައީސް އޮފީހުން ބުނީ، އެ ހުށަހެޅުން ރައީސް ޑރ. މުއިއްޒު ގަބޫލުކުރެއްވި ކަމަށެވެ.