ހުރިހާ މުވައްޒަފުންވެސް މަސައްކަތް ކުރަން ވާނީ، އެއްޓީމެއްގެ ގޮތުގައި ރައްޔިތުންނަށް ހިދުމަތް ކޮށްދީ ނަތީޖާ ނެރެދިނުމުގެ އަޒުމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގެ މުވައްޒަފުންނާ ބައްދަލު ކުރައްވައި މުއިޒްޒު ވިދާޅުވީ، އަމާޒަކަށް ވާން ވީ ފޯކަސްގައި ރައްޔިތުން ބަހައްޓައިގެން ނަތީޖާ ނެރެދިނުމުގެ އަޒުމުގައި މަސައްކަތްކުރުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހަކީ މުޅި ސަރުކާރު ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރާ އޮފީސްކަން ފާހަގަ ކުރައްވައި އިތުރަސް ރައީސް ވިދާޅުވީ، ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި މުވައްސަސާތަކަށް ދޭންޖެހޭ އިރުޝާދުތައް ދިނުމާއި، ބަލަހައްޓަންޖެހޭ ކަންކަން ބެލެއްހެޓުމުގެ ބޮޑު ޒިންމާ އަދާކުރާ އޮފީހަކީވެސް އެއީ ކަމަށެވެ. އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިއަށް ގެންދަން ވާނީ ސަރުކާރުގެ އެހެން އޮފީސްތަކަށްވެސް ރީތި މިސާލެއް ދައްކައިދޭ ގޮތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެގޮތުން އެއްބައިވަންތަކަމާއެކު، އެއްޓީމެއްގެ ގޮތުގައި ހުރިހާ އޮފީސްތަކާ ގުޅިގެން ރައްޔިތުންނަށް ހިދުމަތްކުރަމުން ގެންދިޔުމަށް ރައީސް ވަނި އެދިވަޑައިގެންފައެވެ.