ތިލަފުށީ ފަޅުން ބިން ހިއްކުމަށް ހަމަޖެހިފައިވާ އޭރިއާ-އީ ގައި ހުރި އުޅަނދުތައް ނެގުމަށް އާބަންކޯއިން އަންގައިފިއެވެ.

އާބަންކޯއިން ބުނީ ތިލަފުށީގެ މާސްޓާ ޕްލޭނާ އެއްގޮތަށް ތިލަފުށި ތަރައްގީ ކުރުމަކީ ދިވެހިރާއްޖޭގެ އިގްތިސޯދާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށްވާތީ، މާސްޓާ ޕްލޭނާއި އެއް ގޮތަށް ހިއްކަންޖެހޭ ސަރަހައްދުތައް ހިއްކުން އަވަސް މުސްތަގްބަލެއްގެ ތެރޭގައި ނިންމުމަށް އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން ގެންދާ ކަމަށެެވެ.

އެގޮތުން ތިލަފުށީގެ ފަޅުތެރެއިން ހިއްކުމަށް ހަމަޖެހިފައިވާ އޭރިއާ-އީ ހިއްކުމުގެ މަސައްކަތް އަންނަ މަހުގެ 18 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އާބަންކޯއިން ބުނެއެވެ. ނަމަވެސް އެ ކޯޕަރޭޝަނުން ކުރިއަށް ގެންދިޔަ ސާވޭތަކުން، ފަޅު ތެރޭގައި އަޑިޔަށް ގޮސްފައިވާ އުޅަނދުތަކާއި، ގިނަ ދުވަސްތަކެއް ވަންދެން ބޭނުންނުކޮށް ހުރި އުޅަނދުތައް ފަޅުތެރޭގައި އަޅާފައިވާ ކަމާއި، އަދި ހިއްކުމަށް ހަމަޖެހިފައިވާ ސަރަހައްދުގެ ވަށައިގެން ހުރި ބިންތަކުގައި އުޅަނދުތައް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އާބަންކޯއިން ބުނެއެވެ.

ތިލަފުށީ ފަޅުން ހިއްކުމަށް ހަމަޖެހިފައިވާ އޭރިއާ-އީ/ ފޮޓޯ: އާބަންކޯ

އެހެންކަމުން އޭރިއާ-އީ ގައިވާ އުޅަނދުތައް 7 ދުވަހުގެ ތެރޭގައި ނެގުމަށް އާބަންކޯއިން ވަނީ އެދިފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި އުޅަނދުތައް ނަގާފައިނުވާނަމަ، އެ ކޯޕަރޭޝަންގެ "ކ.ތިލަފުއްޓާއި ކ.ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާއި މެދު އަމަލު ކުރުމުގެ އުސޫލު" ގެ ދަށުން އުޅަނދުތަކާމެދު އަމަލު ކުރާނެ ކަމަށް އާބަންކޯއިން ބުނެއެވެ.