އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓަށް ބަހުސްކޮށް ނިމެންދެން މަޖިލީހުގެ މިއަދުގެ ޖަލްސާ ދިގު ދަންމާލަން ފާސްކޮށް ބަޖެޓުގެ ބަހުސް ފަށައިފިއެވެ.

ބަޖެޓުގެ ބަހުސް އަވަހަށް ނިންމުމަށްޓަކައި މިއަދު ފުރުސަތަށް އެދޭ މެންބަރުންނަށް ފުރުސަތު ދީ ނިމެންދެން އަދި ހުސް ވަގުތަށް ތަން ދީގެން މަޖިލީހުގެ ޖަލްސާ 10 ޖަހަންދެން ދަންމާލުމަށް ފާސްކުރީ އެކަމަށްޓަކައި ނެގި ވޯޓުގައި ބައިވެރިވި 34 މެންބަރުންގެ އިއްތިފާގުންނެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓު ބަހާލާފައިވާ ގޮތަށް ބަލާލާއިރު:

  • ރިކަރަންޓު ހަރަދަށް 34.8 ބިލިއަން ރުފިޔާ
  • ޕީއެސްއައިޕީ އަށް 8.6 ބިލިއަން ރުފިޔާ
  • ކެޕިޓަލް ހަރަދަށް ހަ ބިލިއަން ރުފިޔާ

މައިގަނޑު ގޮތެއްގައި އަންނަ އަހަރުގެ ބަޖެޓުގައި ހަރަދުކުރުމަށް ރާވާފައި ވަނީ ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށެވެ. މި ބަޖެޓުގައި ސިއްހީ ދާއިރާއަށާއި ތައުލީމީ ދާއިރާގެ އިތުރުން، އަދުލު އިންސާފު ގާއިމްކުރުމަށް އިސްކަންދީފައިވެއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ބަޖެޓު ފޮތުގައިވާ ގޮތުން، އާމްދަނީގެ ގޮތުގައި ދައުލަތަށް 33.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އޭގެ ތެރެއިން 25.6 ބިލިއަން ރުފިޔާ ޓެކުހުގެ ގޮތުގައި، އެހެނިހެން އާމްދަނީގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ، އަދި ހިލޭ އެހީގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.