އިޒްރޭލުގެ މީހުންގެ ޕާސްޕޯޓް މާނާކުރަން ގޮވާލާ އަޑުއުފުލުމަށް އާންމުންގެ ގިނަ ބަޔަކު ފޮރިން މިނިސްޓްރީ ކައިރިއަށް އެއްވުމުން ހަމަލާތައް ހުއްޓާލަން ގޮވާލާ އިހުތިޖާޖުގެ ބައިވެރިންނާއެކު މިނިސްޓަރު މޫސާ ޒަމީރު އަޑުއެފުލައްވައިފިއެވެ.

މިއަދު ހެނދުނު އެ އިހުތިޖާޖު ފަށާފައިވަނީ ރައްޔިތުން މަޖިލީހުގެ ކުރިމަތީގައި އޮންނަ ފާކިން އޭރިއާގައެވެ. އެ ސަރަހައްދަށް އެއްވެ ތިބި މީހުން ގޮވަމުންދަނީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އިޒްރޭލް މީހުންނަށް ރާއްޖެއަށް އެތެރެ ނުވެވޭ ގޮތް ހެދުމުގެ އިތުރުން އެ ގައުމުގެ އުފެއްދުންތަކާއި އެ ގައުމުން އެކްސްޕޯޓް ކުރާ ތަކެތި ރާއްޖެއަށް އެތެރެ ކުރުން މަނާ ކުރުމަށެެވެ. އަދި މިއަދު މެންދުރު 12 ޖަހާއިރު އިހުތިޖާޖުގެ ބައިވެރިން ވަނީ ފޮރިން މިނިސްޓްރީ ކައިރިއަށް އެއްވެފައެވެ.

މިނިސްޓަރު ޒަމީރު ނިކުމެ ވަޑައިގެން ވަނީ އިޒްރޭލު މެދުނުކެނޑި ދެމުންދާ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައްވާފައެވެ.

ޒަމީރު ވަނީ މިދިޔަ ދުވަސްތަކުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ޒަމީރު ވިދާޅުވީ އޯއައިސީގެ ސެކެޓްރީ ޖެނެރަލާއި ފަލަސްތީނުގެ ސަފީރުގެ އިތުރުން އެހެން ގައުމުތަކުގެ ބޭފުޅުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވާފައިވާ ކަމަށެވެ. މީގެ އިތުރުންވެސް ސަރުކާރުން ހުށަހަޅާ ކަންކަމަކީ އިމިޑިއޭޓް ސީޒްފަޔާ އެއް ބޭނުންވުމުގެ އިތުރުން ހިއުމަނިޓޭރިއަން ކޮރިޑޯއެއް ހުޅުވާލުމަށް ހުށަހަޅުއްވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.

އިހުތިޖާޖުގެ ބައިވެރިން އަޑުއުފުލަނީ

އިހުތިޖާޖުގެ ބައިވެރިން ވަނީ ޓޫ ސްޓޭޓް ސޮލިއުޝަން ބޭނުން ނުވާ ކަމަށް ރައީސް އަށް ދެންނެވުމަށް އެދިފައެވެ. މިނިސްޓަރު ޒަމީރު ވަނީ ރައީސްގެ އަރިހުގައި ދަންނަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިދިޔަ ބުދަ ދުވަހުވެސް އާންމުންގެ ގިނަ ބަޔަކު ވަނީ އެ ސަރަހައްދަށް އެއްވެފައެވެ. އެ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރު މަޖިލީހުގެ އިތުރު މެންބަރުން ވަނީ އިހުތިޖާޖުގެ ބައިވެރިންނާ ބައްދަލު ކުރައްވާ އެ ފަރާތްތަކުގެ ކަންބޮޑުވުންތަކުގެ އަޑުއައްސަވާފައެވެ.