ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް 2025 ވަނަ އަހަރު ފެށިގެން ދިރާސީ އާ އަހަރުގެ ކިޔެވުން ޖެނުއަރީއަށް ބަދަލުކުރައްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓަރު މިފަދައިން ވިދާޅުވީ މާލޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއެކު މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.
ޒަމާނުންސުރެ ރާއްޖޭގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޖެނުއަރީގައި ކަމަށްވިޔަސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޓޫރިޒަމް ދާއިރާގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކަށް ވިސްނަވާ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން އަހަރުގެ މެދު ތެރެއަށް ބަދަލުކުރައްވާފައެވެ.
އެކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވެފައިވަނިކޮށް ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޑރ. މުއިއްޒު ވަނީ ވެރިކަމަށް އިންތިހާބުވެވަޑައިގެންފިނަމަ 2025 ވަނަ އަހަރުގެ ދިރާސީ އާ އަހަރު ޖެނުއަރީ މަހު ފެށޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށާއި،އޭރުން އާއިލާތަކަށް ބޮޑު ޗުއްޓީގެ އުފާވެރިކަން ލިބިގެން ދާނެ ކަމަށް ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ފަތުރުވެރިކަމުގެ މަސައްކަތް ކުރާ ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް ލިބެމުންދާކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ އެކީ މަޝްވަރާކުރުމަށްފަހު ވިސްނުންފުޅު ހުރީ އަހަރުގެ މެދުތެރެއިން ހަތަރު ހަފްތާގެ ސްކޫލް ބަންދެއް ހަމަޖެއްސުމަށް ކަމަށެވެ.
މުއިއްޒު ވިދާޅުވީ އެހެންކަމުން ހަތަރު ހަފްތާގެ ސްކޫލް ބަންދެއް އަހަރުގެ މެދުތެރެއިން ލިބޭނެ ކަމަށާއި އަހަރު ފަހުކޮޅަށް ބޮޑު ބަންދު ހަމަޖެހުމުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް އާއިލާ އާ އެކީގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި މިކަން މިގޮތަށް ނިންމީ ތައުލީމީ ދާއިރާގެ ތަޖުރިބާކާރުންނާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މިގޮތަށް ބަދަލުކުރުމުން ވެސް އަހަރު ތެރޭގައި ކިޔެވުމަށް ބޭނުންވާ ހުރިހާ ގަޑިއެއް ހަމަވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.