ރައީސް އޮފީހުގެ ސެކްރެޓެރީ ފޮ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހްމަދު އެ މަގާމުން ވަކިކޮށްފިއެވެ.
ރޭ ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދާއޫދު މަގާމުން ވަކި ކުރީ، މިިދޔަ އޭޕްރީލް މަހުގެ 18 ވަނަ މާލޭގައި ހިނގި ހާދިސާ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ހާއްސަ ކޮމިޝަންގެ ރިޕޯޓް ތަންފީޒު ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން ދާއޫދު އެ މަގާމުން ވަކި ކޮށްފައި ވަނީ މި މައްސަލައާ ގުޅިގެން ހިންގި ތަހުގީގަށް ދޮގު ބަޔާނެއް ދީފައިވާ ކަމަށް އެ ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައި ވާތީ ކަމަށް ހީނާ ވިދާޅުވިއެވެ.
ދާއޫދު އަކީ ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްގެ އެއްބަނޑުއެއްބަފާ ބޭބެއެވެ. ދާއޫދު އެމަގާމުން ވަކިކޮށްފައިވާ އިރު މި މައްސަލައާ ގުޅިގެން މިދިޔަ އޭޕްރީމް މަހުގެ 24 ވަނަ ދުވަހުން ފެށިގެން ދާއޫދު ހުރީ ސަސްޕެންޑް ކޮށްފައެވެ.
ކޮމިޝަން ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ފުލުހުން މި މައްސަލަ ތަހުގީގު ކުރަނިކޮށް ހޯމް މިނިސްޓަރު އަލީ އިހުސާނަށް ތަކުރާރުކޮށް ދާއޫދު ގުޅާފައިވާކަމަށް ކޮމިޝަންގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް ތަހުގީގަށް ދާއޫދު ދިން ބަޔާނުގައި އެ މައްސަލައާ ގުޅިގެން ސަރުކާރުގެ އެއްވެސް އިސް ބޭފުޅަކާ މުއާމަލާތެއް ކޮށްފައިނުވާނެ ކަމަށް ބުނެފައިވާކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން މައްސަލައިގެ ތަހުގީގަށް ދާއޫދު ފުލުހުންނަށް ދިން ބަޔާނާއި ކޮމިޝަނަށް ދިން ބަޔާނުގައި ވެސް ފުށުއެރުންތަކެއް އެބަހުރި ކަމަށާއި، އެހެންކަމުން އޭނާ ތަހުގީގަށް ދޮގު ބަޔާނެއް ދީފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެއާއެކު ދާއޫދުގެ ރައްޓެހިންގެ ބަޔާންތަކުގައި ވެސް ފުށުއެރުންތަކެއް ހުރި ކަން ފާހަގަކޮށް ކޮމިޝަނުގެ ރިޕޯޓުގައި ވަނީ ތަހުގީގަށް ކަމެއް ސިއްރުކުރާ ކަމަށް ފާހަގަކުރެވޭ ކަމަށް ބުނެފައެވެ.