އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޖަރީމާ އާ މެދު އިތުރަށް ކުރާނެ ބަހުސެއް ނެތް ކަމަށާއި، ބޭނުންވަނީ މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއަދު ބުނެފިއެވެ.
ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން، އިޒްރޭލުން ހިންގާ ޖަރީމާތައް ކުށްވެރިކޮށް ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލައްވައި ހުށަހެޅުއްވި ގަރާރަށް ބަހުސްކުރެއްވި މެންބަރުން ވަނީ، އިޒްރޭލުގެ ޖަރީމާތައް ކުށްވެރިކުރުމުގެ ބަދަލުގައި އަމަލީ ގޮތުން ފިޔަވަޅު އެޅުމަށްޓަކައި ސަރުކާރަށް ގޮވާލައިފައެވެ.
މި ގަރާރަށް ބަހުސްކުރައްވަމުން ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ޖަރީމާ ހިންގަނީ ފަލަސްތީނު ދުނިޔޭން ފޮހެލުމަށް ރާވައިގެން ކަމަށާއި، ހުޅަނގުގެ މީޑިއާތަކުން މިހާރު 'ފަލަސްތީނު،' މި ބަސް ބޭނުންކުރަމުން ނުދާ ކަމަށެވެ. ސަލީމް ވިދާޅުވި ގޮތުގައި ބޭނުމަކީ ތާރީހު ބަދަލުކޮށް، މިހާރު އޮތް ޖީލުތަކުގެ ސިކުނޑިން ފަލަސްތީނު މުޅިންހެން ފޮހެލުމެވެ.
ސަލީމްގެ ވާހަކައިގައި ވަނީ އެމެރިކާ އާއި އިނގިރޭސިވިލާތް ފަދަ ބޮޑެތި ގައުމުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ، ހޮސްޕިޓަލުތަކާއި ސްކޫލްތައް ފަދަ އިމާރާތްތަކަށް އިޒްރޭލުން ހަމަލާދެމުން ދާތީ، އެ ކަންކަން ދިފާއުކޮށް ވިލާތުގެ ގައުމުތަކުގެ ވެރިންނާއި އެމެރިކާގެ ވެރިން ދައްކާ ވާހަކަތައް ދިފާއުކުރާނީ ކިހިނެއްތޯ ސުވާލު އުފައްދަވައިފައެވެ.
އޭނާ ވިދާޅުވީ، ބޮޑެތި ބައެއް ގައުމުތަކުން އިޒްރޭލާ އެއްކޮޅަށް މަސައްކަތްކުރާތަން ފެނުނަސް،. ހަގީގަތުގައި ފެންނަނީ އެ ގައުމުތަކުގެ ވެރިން މިފަދައިން ކަންކުރާ މަންޒަރު އެކަނި ކަމަށެވެ.
"މިހާރު ފަލަސްތީނާ އެއްކޮޅަށް މުޒާހަރާނުކުރާ ގައުމެއް މި ދުނިޔެއަކު ނެތް، އަޅުގަނޑުމެންނަށް މި ފެންނަނީ ގައުމުތަކުގެ ވެރިން އެ ގައުމުތަކުގެ ރައްޔިތުންގެ އިހުސާސާ ދެކޮޅަށް މަސައްކަތްކުރާ ތަން، އެންމެ ކުޑަމިނުން އިޒްރޭލާ ދެކޮޅަށް ނުކުންނަ އިޒްރޭލުގެ ރައްޔިތުންނާ ދޭތެރޭ ވެސް އަޅުގަނޑުމެންނަށް މި ފެންނަނީ އިޒްރޭލުގެ ސަރުކާރުން އަނިޔާދެމުން ދާ ތަން،" ރޮޒައިނާ ވިދާޅުވިއެވެ.
އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ގޮވާލެއްވީ މަޖިލީހުގެ ހުރިހާ މެންބަރުން ސޮއިކޮށް، އިޒްރޭލުން ހިންގާ ޖަރީމާ ހުއްޓުވުމަށް އެދި ޕެޓިޝަނެއް އދ އަށް ހުށަހަޅާނެ ފުރުސަތެއް ހަމަޖައްސައިދެއްވުމަށެވެ.
އޭނާ ވިދާޅުވީ، ނޫސްބަޔާނެއް ނެރެ ކޮންމެ ކަމެއް ނިންމާލަން ނުޖެހޭނެ ކަމަށާއި، އަމަލުން ދައްކައިގެން ވެސް އިޒްރޭލުގެ ޖަރީމާތަކާ ދެކޮޅަށް ފާޅުގައި ތެދުވަން ޖެހޭ ކަމަށެވެ.
މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް ވިދާޅުވީ، އެކި ބޭރު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގައި ވެސް އިޒްރޭލާ ދެކޮޅަށް އަޑުއުފުލާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ. ހަމަ އެހެންމެ ރާއްޖޭގައި ވެސް އެކި ސިފަސިފައިގައި ޝުއޫރު ފާޅުކޮށް، ދިވެހިން ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް ހަގީގަތުގައި އެއްވެސް ކަމެއް އަމަލީގޮތުން ކުރެވޭ މަންޒަރު ނުފެންނަ ކަމަށް ވިދާޅުވިއެވެ.
"[އިޒްރޭލުގެ] ޕާސްޕޯޓު ވެސް ބޭންކުރަންވީ، ޕްރޮޑަކްޓްތައް ވެސް ބޭންކުރަންވީ، ކުރެވެންހުރި ކަމެއް މި ކަމުގަ ކުރަންވީ،" ހައިތަމް ވިދާޅުވިއެވެ.
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވެސް ގޮވާލެއްވީ އިޒްރޭލުން ދެމުންދާ ހަމަލާތައް ކުށްވެރިކޮށް އަބަދު ބަޔާންތައް ނެރުމުގެ ބަދަލުގައި ގައުމެއްގެ ސިފައިގައި ފިޔަވަޅު އެޅުމަށެވެ.
"އެހެންވީމާ އަޅުގަނޑު ވެސް މި ގޮވާލަނީ ބަހުސް މަދުކޮށްފަ މިއީ އެވަގުތޭ، މިވަގުތު މި ގައުމަށް އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް އެޅެން ހުރި ފިޔަވަޅުތައް މިހާރުން މިހާރަށް އެޅުމަށް،"
އޭނާ ވިދާޅުވި ގޮތުގައި، މި ވަގުތަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ އިޒްރޭލުގެ ރައްޔިތުން ރާއްޖެ އަށް ނުވަދެވޭ ގޮތް ހެދުމެވެ.