14 ދުވަސް ތެރޭގައި ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ސިވިލް ކޯޓަށް ދައްކަން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މައްޗަށް ހުކުމްކޮށްފިއެވެ.

ޕްބަލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އާ ދެކޮޅަށް ދައުވާކޮށްފައިވަނީ ގުޑް ވޯކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިންނެވެ.

އެ ކުންފުނި ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ އެ ކުންފުންޏާއި ޕީއެސްއެމްއާ ދެމެދު ޕީއެސްއެމްގެ ޓީވީއާއި ރޭޑިއޯ އިމާރާތުގެ ސެކިއުރިޓީ ބަލަހައްޓަން ޖެނުއަރީ 31، 2022 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ފައިސާ ދައްކާފައި ނުވާ ކަމަށެވެ. އެގޮތުން އެއްބަސްވުމުގެ ދަށުން ދައްކަން ޖެހުނު 629،375 ރުފިޔާ 7 ދުވަސް ތެރޭގައި ސިވިލް ކޯޓަށް ޖަމާކުރުމަށާއި ގާނޫނީ ހަރަދުގެ ގޮތުގައި ހިނގި 25،000 ރުފިޔާ ޕީއެސްއެމްއިން ހޯދައިދިނުމަށް ގުޑް ވޯކްސްއިން ވަނީ އެދިފައެވެ.

ގުޑް ވޯކްސްއިން ސިވިލް ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައިވާ ގޮތުން

  • އެއްބަސްވުމުގެ މުއްދަތަށް ދައްކަން ޖެހޭ ފައިސާއަކީ 604،200 ރުފިޔާ
  • އެއްބަސްވުމުގެ މުއްދަތުގެ އިތުރަށް ހިދުމަތް ފޯރުކޮށްދިން މުއްދަތަށް ދައްކަން ޖެހޭނީ 730،075 ރުފިޔާ
  • ޕޭމަންޓް ޕްލޭންގެ ދަށުން މިހާތަނަށް ދެއްކި ފައިސާ 100،700 ރުފިޔާ
  • ޖުމްލަ މިހާތަނަށް ދައްކަން ޖެހި ނުދައްކާވާ ފައިސާ 629،375 ރުފިޔާ
  • ގާނޫނީ ފިޔަވަޅު އަޅަން ޖެހުމުގެ ސަބަބުން ހަރަދު ކުރަން ޖެހުނު ފައިސާ 25،000 ރުފިޔާ

އެ މައްސަލާގައި ޕީއެސްއެމްއިން ބުނެފައިވަނީ އެއްބަސްވުމުގެ ދަށުން ގުޑް ވޯކްސްއިން ދީފައިވާ ހިދުމަތަށް އެއްބަސްވުމުގެ 7 ވަނަ މާއްދާއަށް ރިއާޔަތްކުރުމަށްފަހު އެކަށީގެންވާ މިންވަރަށް ފައިސާ ދޭން ޖެހޭ ކަމަށާއި 629،375 ރުފިޔާއަކީ އެއްބަސްވެފައިވާ އަދަދު ކަމަށް ވިޔަސް ދެފަރާތުން ވެފައިވާ އެއްބަސްވުމުގެ 7 ވަނަ މާއްދާއަށް ރިއާޔަތްކުރާއިރު އެއީ ދޭން ޖެހޭ ފައިސާގެ އަދަދު ނޫން ކަމަށެވެ.

އެ މާއްދާގައި ބުނެފައިވަނީ އެއްބަސްވުމުގެ ދަށުން ސެކިއުރިޓީ ބެލެހެއްޓުމުގެ ފައިސާ ދޫކުރާނީ ކޮންމެ މަހަކުވެސް މަސައްކަތް ހަވާލުވި ފަރާތުގެ މަސައްކަތް ރަނގަޅަށް ބަލައި ތައްޔާރުކުރެވޭ ޕާފޯމެންސް ރިޕޯޓުގެ މަތިން ޖުމްލަ ދައްކަން ޖެހޭ ފައިސާ މީލާދީ 12 މަހަށް ބަހާލައިގެން ކޮންމެ މަހަކަށް ޖެހޭ ވަރަށެވެ. އެ ރިޕޯޓަށް ބަލާ އުނިކުރެވިދާނެ ކަމަކަށް އެއްބަސްވުމެއްގައ ބުނެފައެއް ނުވާ ކަމަށް ސިވިލް ކޯޓުން ފާހަގަކުރެއެވެ.

މި މައްސަލާގައި ޕީއެސްއެމްއިން "ދައުވާގެ ބަޔަކަށް އެއްބަސްވާ ފޯމު" ހުށަހަޅާފައި ވީ ނަމަވެސް އެ ދައުވާގައި ހޯދުމަށް އެދިފައިވާ ފައިސާ މިންވަރަށް އެ ފަރާތުން އެއްބަސްވެފައެއް ނުވެއެވެ. އަދި ދައްކަން ޖެހޭ ފައިސާ ބަހާލައިގެން ދެއްކުމަށްވެސް ޕީއެސްއެމްއިން ވަނީ އެދިފައެވެ.

ޕީއެސްއެމްއިން ދައުވާގައި ބުނާ ޖުމްލަ އަދަދަށް އިންކާރުކުރާއިރު އެ ފަރާތުން ދައުވާގެ ދިފާއު ހުށަހަޅާ ފޯމެއް ހުށަހަޅާފައި ވަނީ ދައުވާއާ ހަވާލުވިތާ 2 މަސް ދުވަސް ފާއިތުވެ ދިޔަ ފަހުން ކަމަށް ސިވިލް ކޯޓުން ވަނި ބުނެފައެވެ.

ގުޑް ވޯކްސް ޕްރައިވެޓް ލިމިޓެޑުން ގާނޫނީ ހަރަދު ހޯދައިދިނުމަށް އެދުނު ނަމަވެސް ސިވިލް ކޯޓުން ބުނެފައިވަނީ މަދަނީ އިޖުރާތުގެ ގާނޫނުގައި ކޯޓުން ރިއާޔަތްކުރަން ޖެހޭ ކަންކަން ބަޔާންކޮށްފައިވަނިކޮށް އެކަންކަމަށް ބާރުދޭ ލިޔުންތަކާއި ތަފްސީލްތައް ގުޑް ވޯކްސްއިން ހުށަހަޅާފައި ނުވާތީ އެ ފައިސާ ޕީއެސްއެމްއިން ދައްކަން ޖެހޭ ފައިސާ އެއް ކަމަށް ކަނޑައަޅައިދޭނެ ތަނެއް ނެތް ކަމަށެވެ.

އެހެންކަމުން 629،375 ރުފިޔާއަކީ ޕީއެސްއެމްއިން ގުޑް ވޯކްސްއަށް ދައްކަން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅާ، އެ ފައިސާ އިއްޔެއިން ފެށިގެން 14 ދުވަސް ތެރޭގައި ސިވިލް ކޯޓަށް ދައްކަން އެ ކޯޓުން ވަނީ ހުކުމްކޮށްފައެވެ.