"ގައުމީ ނިއުސް އެޖެންސީ" އެއް އުފެއްދުމަށްޓަކައި، ޔޫތް މިނިސްޓްރީ އާއި ޕަބްލިކް ސާވިސް މީޑިއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަސްރީންއެވެ.
ޔޫތް މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ގާއިމް ކުރާ ނިއުސް އޭޖެންސީގެ ތެރެއިން މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ހަބަރާއި މައުލޫމާތު ޑިޖިޓަލް ޕޯޓަލްއެއްގެ ތެރެއިން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.
އަދި މިއީ ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން ހަބަރާއި މައުލޫމާތު، އަދި އެކަމަކާ ގުޅޭ ފޮޓޯ އާއި ވީޑިއޯ ފަސޭހަކަމާއެކު ލިބިގެންދާނެ ހިދުމަތެއް ކަމަށްވާއިރު މި ޕްލެޓްފޯމް މެދުވެރިކޮށް ދެވޭ ހިދުމަތް ފޯރުކޮށްދޭނީ ޔޫތު މިނިސްޓްރީގެ ބައިވެރިވުން އޮންނަ ގޮތަށް ކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ.
ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިންނާއި މައުލޫމާތު ލިބިގަތުމުގައި ހުރި ފަސޭހަތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅު ތެރޭގައި ހިމެނޭ މުހިންމު އެއް ސިޔާސަތެވެ.
އެގޮތުގެ މަތިން ސަރުކާރުން ކުރާ މުހިންމު ކަންތައްތަކުގެ މައުލޫމާތާއި ހަބަރު ފޯރުކޮށްދިނުމަށް 'ސަރުކާރު'ގެ ނަމުގައި ނޫހެއް ހިންގަމުން ދެއެވެ. އެ ނޫހަކީ ސަރުކާރުގެ ކޮންމެ މިނިސްޓްރީން ހިންގާ ކަންކަން ފަސޭހައިން ފެންނާނެ ގޮތަށް އެކުލަވާލާފައިވާ ނޫހަކަށްވާއިރު ފޮޓޯ އާއި ވީޑިއޯ ވެސް އެ ނޫސް މެދުވެރިކޮށް ހިއްސާ ކުރެއެވެ.