ގާޒާގެ އެންމެ ބޮޑު ހޮސްޕިޓަލް، އަލް ޝިފާގެ ތެރެއިން އަޑިއަށް ދެވޭގޮތަށް ހަދާފައި ވާ ޓަނަލެއް ފެނިއްޖެ ކަމަށް ބުނެ އިޒްރޭލު ސިފައިން ވީޑިއޯ އެއް އާންމު ކޮށްފިއެވެ.
އިޒްރޭލް ސިފައިން ބުނީ، 32 ފޫޓު ފުނަށް އަދި އަރިހުރަހަށް 180 ފޫޓަށް ގޮސްފައި އޮތް ޓަނަލް ފެނުނީ ސީދާ ހޮސްޕިޓަލްގެ ދަށުން ކަމަށެވެ.
އެޓަނަލް އޮންނަ ގޮތް ކަމަށް ބުނެ އާންމު ކުރި ވީޑިއޯގައި އެނބުރޭ ހަނި ސިޑިއަކުން ފައިބައިގެން ހިނގާފައި ގޮސް ދޮރަކުން ނުކުމެވޭގޮތަށް ހަދާފައި ހުރި ކަމަށާއި އެތާނގައި ހަތިޔާރުވެސް ހުރިކަމަށް ބުނެފައި ވެއެވެ.
މިއީ ޝިފާ ހޮސްޕިޓަލްގެ އަޑީގައި ހަމާސްގެ ކޮންޓްރޯލް ސެންޓަރު ހުންނަކަމަށް ބުނެ އިޒްރޭލުން ދައްކަމުން އަންނަ ވާހަކަތައް ސާބިތު ކުރުމަށް ދެއްކި ވީޑިއޯއެކެވެ. މީގެ އިތުރުން އެމީހުން ވަނީ އޮކްޓޯބަރު 7، 2023 ވީ ދުވަހު ހަމާސް އިން އަސީރު ކޮށްގެން އިޒްރޭލުން ގެންދިޔަ މީހުން ކަމަށް ބުނާ، ނޭޕާލް މީހަކާއި ތައިލޭންޑް މީހަކު ޝިފާ ހޮސްޕިޓަލަށް ވައްދާ މަންޒަރުކަމަށް ބުނާ މަންޒަރުތަކެއް ފެންނަ ސީސީޓީވީ ފްޓޭޖުތަކެއް ވެސް އާންމުކޮށްފައެވެ. އެ ފްޓޭޖުތަކުން ފެންނަ ބައެއް މީހުންގެ އަތުގައި ރައިފަލް އޮތް އިރު ބޮޑެތި ޒަހަމްތަކެއް ލިބިފައި ވާ މީހަކު ސްޓްރެޗާގައި އޮންނަތަން ވެސް ފެނެއެވެ. އަދި ހޮސްޕިޓަލްގެ މައި ގޭޓުން އެތެރެއަށް ވަންނަ އަސްކަރީ ވެހިކަލްތަކަކާއި އާދައިގެ ވޭންތަކެއް ވެސް ފެނެއެވެ.
މި ވީޑިއޯތަކާ ގުޅިގެން، ގާޒާ ހެލްތް މިނިސްޓްރީގެ ޑައިރެކްޓަރު މޮނީރް އަލް ބޯޝް ވިދާޅުވީ، އެއީ ކަނޑައެޅިގެން ދޮގު ކަމަށާއި އިޒްރޭލުން ދައްކައިދޭން ބޭނުންވަނީ، 'ސިޓީއެއްގެ އަޑީގައި އިތުރު ސިޓީއެއް' އޮތް ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ، ގާޒާގެ އަޑީގައި ޓަނަލް ހަދާފައި ހުރި ވާހަކައަކި އާ ވާހަކައެއް ނޫން ކަމަށާއި އިޒްރޭލުން އާންމު ކުރި އެ ވީޑިއޯ ކްލިޕަކީ އެފަދަ އެތައް ހާސް ޓަނަލެއްގެ ތެރެއިން ޓަނަލެއް ކަމަށެވެ.
އިޒްރޭލުން ބުނާފަދަ އެއްވެއް ޓަނަލެއް އަދި އަސްކަރީ ހަރަކާތެއް އަދި ހަމާސްގެ ކޮމާންޑް ސެންޓަރެއްވެސް ޝިފާ ހޮސްޕިޓަލްގައި ނުހުންނާނެ ކަމަށް ހަމާސް އާއި ގާޒާގެ ސިއްހީ އޮފިޝަލުން ވަނީ ތަކުރާރު ކޮށް ބުނެފައެވެ.
ނަމަވެސް އިޒްރޭލާއި އެމެރިކާއިން އެކަން ގާބޫލެއް ނުކުރެއެވެ. އެމީހުން ބުނަނީ، ލިބިފައިވާ އިންޓެލިޖަންސް މައުލޫމާތަށް ބަލާއިރު ޝިފާ ހޮސްޕިޓަލުގެ އަޑީގައި ބޮޑު ނެޓްވޯކެއް ހިންގަމުން ގެންދާ ކަމަށާއި، ހޮސްޕިޓަލަށް ގެންދާ ތެޔޮފޮދުވެސް އަތުލަނީ އެޓަނަލްތަކުގައި ތިބޭ ހަމާސްގެ މުޖާހިދުން ކަމަށެވެ.