އިޒްރޭލުގެ މީހުންގެ ޕާސްޕޯޓް މާނާކުރަން ގޮވާލާ އަޑުއުފުލުމަށް އާންމުންގެ ގިނަ ބަޔަކު ރައްޔިތުންގެ މަޖިލީސް ކައިރިއަށް އެއްވެއްޖެއެވެ.
އެ ސަރަހައްދަށް އެއްވެ ތިބި މީހުން ގޮވަމުންދަނީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އިޒްރޭލް މީހުންނަށް ރާއްޖެއަށް އެތެރެ ނުވެވޭ ގޮތް ހެދުމުގެ އިތުރުން އެ ގައުމުގެ އުފެއްދުންތަކާއި އެ ގައުމުން އެކްސްޕޯޓް ކުރާ ތަކެތި ރާއްޖެއަށް އެތެރެ ކުރުން މަނާ ކުރުމަށެެވެ.
މިދިޔަ ބުދަ ދުވަހުވެސް އާންމުންގެ ގިނަ ބަޔަކު ވަނީ އެ ސަރަހައްދަށް އެއްވެފައެވެ. އެ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރު މަޖިލީހުގެ އިތުރު މެންބަރުން ވަނީ އިހުތިޖާޖުގެ ބައިވެރިންނާ ބައްދަލު ކުރައްވާ އެ ފަރާތްތަކުގެ ކަންބޮޑުވުންތަކުގެ އަޑުއައްސަވާފައެވެ.
މިއަދު މަޖިލިސް ކުރާ ގެ ސަރަހައްދަށް އާންމުން އެއްވެފައިވާއިރު މިހާރު މަޖިލީހުގައި ކުރިއަށް ދަނީ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އިޒްރޭލުގެ މީހުން އައުން މަނާ ކުރުމަށް އަދި އެ ގައުމުގެ އުފެއްދުންތައް ރާއްޖެއަށް އެތެރެ ނުކުރުމަށް ގޮވާލާ ހުށަހަޅާފައިވާ ގަރާރަށެވެ. މި މައްސަލާގައި ގަރާރު ހުށަހަޅާފައި ވަނިކޮށް މީގެ ކުރިން ހޯރަފުށި ދާއިރާގެ މެންބަރު ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. އެހެންނަމަވެސް ކުއްލި މައްސަލައަށް ފުރުސަތު ނުދީ ގަރާރު ކުރިއަށް ގެންދަން ސައުދު ވަނީ ނިންމާފައެވެ.
އިމިގްރޭޝަންގެ ގާނޫނު އިސްލާހުކޮށް އިޒްރޭލުގެ ޕާސްޕޯޓް މަނާ ކުރުމަށް ރޭ މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފައެވެ. ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި އެ ބިލުގައި ވިދާޅުވެފައިވަނީ އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ އިޒްރޭލުން އެކި އިސްލާމީ ގައުމުތަކަށް ހާއްސަކޮށް ގާޒާގެ ރައްޔިތުންނަށް ދެމުންދާ އުދުވާނީ ހަމަލާތައް ކުށްވެރިކޮށް، އިޒްރޭލުގެ އެ އަމަލުތައް ހުއްޓުވުމުގެ އިތުރުން މާލީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން އިޒްރޭލަށް ފައިދާއެއް ލިބޭނެ ދޮރުތައް ބަންދު ކުރުން ކަމަށެވެ.
އެއްވުމުގެ ބައިވެރިން ފޮރިން މިނިސްޓްރީ ސަރަހައްދުގައި ވެސް އިހުތިޖާޖުކުރަން ނިންމާފައިވާއިރު މިއަދު މެންދުރު 12 ޖަހާއިރު އެ ސަރަހައްދުގައި އިހުތިޖާޖު ފެށޭނެ ކަމަށް ބުނެއެވެ.