ފަލަސްތީނުގެ ރައްޔިތުން ގާޒާއިން ބޭރުކުރުމަށާއި ހުޅަނގު އައްސޭރީގައި އިޒްރޭލުގެ އާބާދީތައް އިތުރުކުރުމަށް އެ ގައުމުން އަޅަމުންދާ ފިޔަވަޅުތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ފަލަސްތީނުގެ ރައްޔިތުން މަޖުބޫރުން ގާޒާއިން ބޭރުކުމުގެ މަގްސަދުގައި އޭޖެންސީއެއް ގާއިމުކުރުމަށް އިޒްރޭލުގެ ސަރުކާރުން އިއުލާނުކޮށްފައިވާ ކަމަށެވެ.

އަދި ހަމައެހެންމެ ހުޅަނގު އައްސޭރީގައިވާ 13 ޣައިރު ގާނޫނީ އާބާދީ ހިމެނޭ ސަރަހައްދު ވަކިކޮށް، އެ އާބާދީތަކަށް ގާނޫނީ ހައިސިއްޔަތު ދިނުމަށް ތައްޔާރުވުމުގެގޮތުން ރާވާފައިވާ އެންމެހާ ރޭވުންތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށް، ފަލަސްތީނުގެ ރައްޔިތުން އެބައިމީހުންގެ ބިމުން ނެރުމަށް ހިންގާ މިފަދަ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނާއި އދ.ގެ ގަރާރުތަށް، ހާއްސަކޮށް އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރު 2334 އާ ވެސް މުޅިން ހިލާފު އަމަލުތަކެއްކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ވެސް މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ސުލްހަވެރި ހައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިއޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްތީނަކީ މިނިވަން، މުސްތަގިއްލު އަދި އަމިއްލަ ސިޔާދަތީ ބާރުހިނގާ ދައުލަތެއްގެގޮތުގައި ގާއިމުކުރެވުމުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ގިނަ ދުވަސްތަކެއް ވަންދެން ގާޒާގެ ބޮޑު ގަތުލުއާންމެއް ނުހިންގާ ތިބުމަށްފަހު، އެގައުމުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫގެ އެންގުމަށް އިސްރާއީލުން ސިފައިން ވަނީ މިމަހުގެ 18 ވަނަ ދުވަހު ގާޒާއަށް ވަރުގަދަ ހަމަލާތަކެއް ދޭން އަނެއްކާވެސް ފަށާފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި 50،000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުކޮށްލައި، 113،200 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ދީފައިވާ ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.