އެމެރިކާގެ ކެލިފޯނިއާގައި ކުދިން ބަލައިދޭ ފިރިހެނެއް, އޭނާ ބަލަން ހަވާލުވި ކުދިންތަކަކަށް އެކިފަހަރުމަތިން ޖިންސީ ގޯނާ ކުރިކަން ފަޅާ އަރާ 707 އަހަރަށް ޖަލަށް ލައިފިއެވެ.

ކޯޓުގައި ޝަރީއަތް ހިނގަމުން ދިޔަ އިރު އިއްވަމުން ދިޔަ ދައުވާ ފޯމުން ސާފުވި ގޮތުގައި އޭނާ ވަނީ އެކިފަހަރުމަތިން 16 ކުއްޖަކާ އެކު ބަދުއަހުލާގީ އަމަލު ނުވަތަ ޖިންސީ ގޯނާ ކޮށްފައެވެ.

ގޭގެއަށް ގޮހާއި, ކުދިން ގޮވައިގެން ޕިކްނިކް ގޮހާއި, އޯވަނައިޓަށް ގޮސް އޭނާ އެކުދިންނާއެކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށާއި އެކަން އޭނާ ކޮށްފައި ވަނީ 2014 އިން ފެށިގެން 2019 އާ ދެމެދުގައި ކަމަށް ވެސް ބުނެފައި ވެއެވެ.

އެކުދިންގެ އުމުރަކީ 2 އަހަރުން ފެށިގެން 12 އަހަރާ ދެމެދު ކަމަށާއި އެކުދިންގެ މައިންބަފައިންނަށް އެކަން ރެއަކާލީ އޭގެ ތެރެއިން ބައެއް ކުދިން އެ ކުދިންގެ މައިންބަފައިންގެ ގާތުގައި އެވާހަކަތައް ކިޔައިދިނުމުން ކަމަށް ވެސް ބުނެފައި ވެއެވެ.

އަދި އެތަނުން ކުއްޖެއްގެ މައިންބަފައިން ފުލުހަށް ރިޕޯޓު ކުރުމުން އޭނާ ހައްޔަރު ކޮށް ކުރި ތަހުގީގުން އޭނާ އެޖަރިމާ ހިންގަމުން ދިޔަ ފުޅާމިން އެނގިގެން ދިޔަ ކަމަށްވެސް ބުނެފައި ވެއެވެ.

ކޯޓުގައި އޭނާ ބުނެފައި ވަނީ, އޭނާ ބެލި ކުދިންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސް ދިނުމަކީ އޭނާއަށް ލިބުނު އުފަލެއް ކަމަށެވެ.

މި މައްސަލައިގައި ކޯޓުގައި ވާހަކަ ދެއްކި ބައެއް މައިންބަފައިން ބުނެފައި ވަނީ އެމީހާއަކީ "ސީދާ ޖަނަވާރެއް" ކަމަށާއި އެމީހުންގެ ޅަ ދަރިން ހަލާކު ކޮށްފި ކަމަށެވެ. އަދި އޭނާ އާ ކުދިން ބަލަން ހަވާލު ކުރީ އޭނާގެ އެފަދަ އެއްވެސް ކަމެއް ކުރިން ފާހަގަ ވެފައި ނުވުމުން ކަމަށާއި ދެން ދުވަހަކުވެސް ބޭބީސިޓް ކުރަން މީހަކާ ހަވާލު ނުކުރާނެ ކަމަށެވެ.