މޯލްޑިވްސް ޕޮލިސް ސާވިސް ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބްދުލް މަންނާނު ޔޫސުފާއި ޑެޕިއުޓީ ކޮމިޝަނަރު އަލީ ރަޝީދު ރިޓަޔާ ކުރަން ނިންމައިފިއެވެ.

މި ދެ ބޭފުޅުން މަގާމުން ދުރުކުރުމަށް ހޯމް މިނިސްޓްރީން އަންގާފައިވާކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި މަހުގެ 25 ވަނަ ދުވަހު މި ދެ ބޭފުޅުންވެސް ރިޓަޔާކުރުމަށް ނިންމާފައި ވާކަަމަށެވެ.

ޑީޕީސީގެ މަގާމުގައި ހުންނެވި މަންނާން ފުލުހުންގެ ހިދުމަތުގައި މަސައްކަތް ކުރައްވާތާ 29 އަހަރު ވެފައިވާއިރު މިދިޔަ ބުދަ ދުވަހު ފުލުހުންގެ ކޮމިޝަނަރަކަށް ހުންނެވި މުހައްމަދު ހަމީދު ރިޓަޔާކުރެއްވުމުން ދެން އެ މަގާމާ ދެން ހަވާލުވެވަޑައިގަތީ ޑެޕިއުޓީ ކޮމިޝަނަރަކަށް ހުންނެވި މަންނާނެވެ.

ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ވާ ގޮތުން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ހުސްވެއްޖެ ނަމަ، ހުސްވާ ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަން ވާނެއެވެ. އެ މަގާމަށް ބޭފުޅަކު އައްޔަން ކުރާނީ ގާނޫނޫގައި ވާ ގޮތުން ޕޮލިސް ބޯޑުން އެ ބޭފުޅެއްގެ މައުލޫމާތުތައް ވަޒަންކޮށް ވަޒީރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ވަޒީރުގެ ލަފާގެ މަތީން ރައީސުލްޖުމްހޫރިއްޔާއެވެ.

މީގެ އިތުރުން ފުލުހުންގެ ހިދުމަތުގެ ގާނޫނުގައިވާ ގޮތުން ޕޮލިސް ކޮމިޝަނަރަކަށް އައްޔަން ކުރަން ޖެހެނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ ރޭންކެއްގެ ބޭފުޅެކެވެ.