ގާޒާއަށް ހުއްޓުމެއް ނެތި ބޮމާއި މިސަލް ހަމަލާތައް ދީ މުޅި ގާޒާއިން 280,000 އިމާރާތް ބިމާ ހަމަކޮށްލައި 12,000 މީހަކު ޝަހީދު ކޮށްލާފައި ވާއިރުވެސް އަރަބި ގައުމުތަކުން އަދިވެސް ކިޔަނީ, އިޒްރޭލާ ގުޅުން ކަނޑާލައި ހަނގުރާމަ ހުއްޓުވުމަށް ދުނިޔެއިން ޕްރެޝަރު ކުރުމަށެވެ.

ހަނގުރާމަ އަށް 45 ދުވަސް ވެފައި ވާ އިރު އިޒްރޭލު ސިފައިން މިހާރު ވަނީ ގާޒާގެ އެންމެ އެތެރެއަށް އަރާ ހިފާފައެވެ. ގާޒާގައި ހުންނަ އެންމެ ބޮޑު ހޮސްޕިޓަލަށް ވަދެ އެތަން މިތަނަށޤ ބަޑިޖަހާ އެތަން ތަޅާ ސުންނާފަތި ކޮށް މީހުން ނެރެ ހުސްކުރަމުން ދާ އިރު, ފުރާނަ ސަލާމަތް ކުރަން މަގުތަކުން ދަތުރު ކުރަމުން ދާ މީހުންގެ ގަޔަށޤވެސް ބަޑިޖަހާ ދަނީ ޝަހީދު ކުރަމުންނެވެ. އެންމެ ބޮޑު ހޮސްޕިޓަލް އަލް ޝިފާގައި 7000 އެއްހާ މީހުން ތިއްބާ އެތަން ވަގުތުން ހުސްކުރަން އެންގުމުން ގިނަ ބަޔަކު ތިންގަނޑެތި ހިފައިގެން ދަރިންކޮޅު ކިހިލި ޖަހައިގެން އެތައް ބަޔަކު ދަނީ ފައިމަގުގައި ދަތުރު ކުރަމުންނެވެ. އެތައްހާސް ކިލޯމީޓަރެއް ކަޑައްތު ކުރަން ޖެހި އެތައް ވޭނެއްގައި މީހުން ތިބި އިރު މިއަދު އދ ގެ އޮފިޝަލުން ވަނީ ޝިފާ ހޮސްޕިޓަލްގައި ތިބި އަލަސް އުފަންވި 31 ކުއްޖަކު ދެކުނު ބިތުގައި ހުންނަ ޔޫރަޕިއަން ހޮސްޕިޓަލާއި ނާސިރް ހޮސްޕިޓަލަށް ބަދަލު ކޮށްފައެވެ. ދުވަސް ނުފުރާ ވިހާފައި ތިބި މި ތުއްތު ކުދިން ފުރާނައާ ހަނގުރާމަ ކުރަމުން ގެންދާ އިރު, ވަރަށް ހާލު ދެރަ 300 އެއްހާ މީހުން މިހާރުވެސް ޝިފާ ހޮސްޕިޓަލްގައި ތިބި ކަމަށް އދ ގެ އޮފިޝަލުން ބުނެއެވެ.

މިހާލަތު [އިޒްރޭލުން ގާޒާއަށް ހަމަލާ ދޭން ފެށިތާ] ކުރީ ކޮޅުވެސް އަރަބި ގައުމުތަކުން ގޮވަމުން ދިޔައީ ހަމަލާތައް ހުއްޓާލުމަށާއި އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ހަމަލާތައް މެދުކަނޑާލުމަށެވެ. އަދި އަރަބި މަދުގައުމަކުން އެގައުމުތަކުގައި ތިބޭ ޔަހޫދީ އެމްބެސެޑަރުން ފޮނުވާލިއެވެ. ނަމަވެސް މިއަދަށް 45 ދުވަސް ވީ އިރުވެސް އަރަބިން ކިޔަނީ ހަމަ އެއްލަވައެކެވެ.

އުރުދުންގެ ރަސްގެފާނު އަބްދުﷲ 2

މިއަދު އީރާނުގެ ރޫހީ ލީޑަރު އާޔަތުއްލޯ އަލީ ހާމަނާއީ ވަނީ, ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ގައުމުތަކުން އިޒްރޭލާ ގުޅުން ކަނޑާލަން ގޮވާލައްވާފައެވެ. އެއީ މިދިޔަ ހަފްތާގައި އަރަބި ގައުމުތަކުގެ ވެރިން ސައުދީގައި ބޭއްވި އޯއައިސީގެ ބައްދަލުވުމުގައި ވެސް އީރާނުން ދެއްކި ވާހަކައެކެވެ. މިއަދުވެސް އެވާހަކަ ތަކުރާރު ކުރި އިރު, އޯއައިސީގެ އެ ބައްދަލުވުމުގައި އިޒްރޭލާ ގުޅުން ކަނޑާލަށް އެ ބައްދަލުވުމުގައި ބައިވެރިވި އިސްލާމީ 23 ގައުމަށް އިއްތިފާގެއް ނުވެވުނެވެ. ގޮވާލީ ހަނގުރާމަ ހުއްޓާލުމަށާއި އިންސާނީ އެހީ ފޯރުކޮށްދޭން ހަމަލާތައް މެދުކަނޑާލުމަށެވެ.

މިއަދު އުރުދުންގެ ރަސްގެފާނު އަބްދުالله 2 ގޮވާލެއްވީ ހަމަލާތައް ހުއްޓާލުމަށެވެ. ޔޫރަޕިއަން ކޮމިޝަންގެ ވެރިޔާ އުރުސެލާ ވޮންޑެ ލިޔާން އާ ބައްދަލުކުރައްވާ އަބްދުالله މިފަދައިން ގޮވާލެއްވި އިރު އެއީ މީގެ ކުރިންވެސް އޭނާ ގޮވާލައްވާ ގޮތެވެ.

އިޒްރޭލާ ސިޔާސީ ގުޅުން އޮންނަ އަރަބި ގައުމުތަކާއި ވިޔަފާރީގެ މުއާމަލާތް;

  • ޔޫއޭއީ – މިދިޔަ އަހަރު އެކަނި 235 މިލިއަން ޑޮލަރުގެ މުއާމަލާތް
  • މޮރޮކޯ – މިދިޔަ އަހަރު 180 މިލިއަން ޑޮލަރުގެ މުއާމަލާތް
  • މިސްރު – 700 މިލިއަން ޑޮލަރުގެ މުއާމަލާތް
  • ސޫދާން – 403 މިލިއަން ޑޮލަރުގެ މުއާމަލާތް
  • އުރުދުން - 343 މިލިއަން ޑޮލަރުގެ މުއާމަލާތް
  • ބަހްރައިން – 3.5 ބިލިއަން ޑޮލަރުގެ މުއާމަލާތް

މީގެ ތެރޭގައި ތެލާއި, ޖަވާހިރާއި ކއުމުގެ ބާވްތްތަކާއި އެނޫންވެސް އެތައް ދާއިރާއެއްގެ މުއާމަލާތް ހިމެނެއެވެ. މިއީ ރެކޯޑް ކުރެވިފައި ހުރި ބައެއް އަދަދުތައް ކަމަށް ވިޔަސް ދިރާސާ ކުރާ ފަރާތްތަކުން އަންދާޒާ ކުރަނީ މިއަދަދުތައް މިއަށް ވުރެ މާ މަތިވާނެ ކަމަށެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ގާޒާ ހިމެނޭހެން އިޒްރޭލުން ހަމަލާ ދެމުން ގެންދާ އިރު, އަދި އެތައްހާސް ބަޔަކު ޝަހީދު ޒަހަމްވަމުން ދާ އިރު, އަރަބި ގައުމުތަކުން އިޒްރޭލު ހުއްޓުވުމަށްޓަކައި ކުރަން ޖެހެނީ އެންމެ ކަމެކެވެ. އެއީ ވިޔަފާރީގެ ގުޅުން ކަނޑާލުމެވެ. އެއާއެކު ތެޔޮ ލިބުމުގެ ފަސޭހަތައް އިޒްރޭލަށް ބަންދުވެގެން ދާނެއެވެ.

ނަމަވެސް މިފިޔަވަޅު ނާޅާ, ހަމަލާތައް ހުއްޓާލަން ނުވަތަ ހަނގުރާމަ ހުއްޓާލަން ގޮވާލަ ގޮވާލައި ތިބެނީ, ވިޔަފާރީގެ މަންފާ އިން ބަރީއަވެދާނެތީއެވެ.

އިޒްރޭލުގެ ހަމަލާތައް ހޮސްޕިޓަލްތަކާއި އދ ގެ އިދާރާތަކާއި ސްކޫލުތަކަށް އަމާޒު ކުރަމުން ދާ އިރު އިއްޔެވެސް ވަނީ ހާން ޔޫނިސްގައި ހުންނަ އދ ގެ ސްކޫލަކަށް ހަމަލާ ދީ 200 މީހަކު ޝަހީދު ކޮށްލާފައެވެ.