އީއައިއޭ މަރުޙަލާ ފުރިހަމަ ކުރުމަކާ ނުލައި 21 ރަށެއްގެ އިންޖީނުގެ އެޅުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމާއި ގުޅިގެން ފެނަކަ ކޯޕަރޭޝަން ލިމިޓެޑު 4،200،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ނެރުނު ބަޔާނެއްގައި ބުނީ، އީއައިއޭ ފުރިހަމަ ނުކޮށް 21 ރަށެއްގެ އިންޖީނުގެ އަޅަން ފެށި މައްސަލަ އެ އެޖެންސީން ބަލައި، އެ މައްސަލައާ ގުޅިގެން އެއްކުރި މައުލޫމާތުންނާއި، ދެފަރާތް ދެމެދު ބަދަލުކުރެވިފައިވާ ލިޔެކިޔުންތަކަށް ރިއާޔަތްކުރުމުން އީއައިއޭ މަރުހަލާ ފުރިހަމަ ކުރުމަކާ ނުލައި 21 ރަށެއްގެ އިންޖީނުގެ އެޅުމުގެ މަޝްރޫއުގެ މަސައްކަތް ފެނަކަ އިން ފަށާފައިވާ ކަން ޔަގީންކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން މީގެ ކުރިންވެސް ފެނަކަން ތިމަވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދަށް 6 ފަހަރެއްގައި ހިލާފުވުމާއި ގުޅިގެން މެދު ފިޔަވަޅު އަޅާފައިވާ ކަމަށް އީޕީއޭއިން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން، ހަތަރު މިލިއަން ދެލައްކަ ދިވެހި ރުފިޔާއިން ފެނަކަ ޖޫރިމަނާ ކޮށްފައިވާ ކަމަށާއި އެ ޖޫރިމަނާއަށްވާ ފައިސާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް އީޕީއޭއިން ވަނީ އަންގާފައެވެ.

އީޕީއޭއިން ވަނީ، ފެނަކައިން ކުރިޔަށްގެންދާ އެންމެހާ މަޝްރޫއުތައް ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ މަރުހަލާތަށް ފުރިހަކުރުމަށްފަހު ކުރިޔަށް ގެންދިޔުމަށް އަންގާފައެވެ.